07 އެޕްރީލް 2023 - 09:59

މަޝްހޫރު ސީރީޒް "ގޭމް އޮފް ތުރޯންސް (ޖީއޯޓީ)" ގެ އާ ޕްރިކުއެލް އެއް ހެދުމަށް އެޗްބީއޯގައި މަޝްވަރާކުރާކަން ހާމަވެއްޖެ އެވެ.
"ވެރައިޓީ" ނޫހުން ބުނީ އޭގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށާއި، ޕްރިކުއެލް އުފައްދަން އެޗްބީއޯ އިން ބޭނުންވާ ކަމަށެވެ.
އެ ޕްރިކުއެލްގައި ކިޔައިދޭނީ ޖީއޯޓީގެ ދުނިޔޭގައި މަގްބޫލު ކެރެކްޓާ، އޭގޮން ޓާގޭރިއަން، އޭނާގެ ލަޝްކަރާއި ތިން ޑްރެގަން ގޮވައިގެން ވެސްޓީރޯސްގެ ހަތް ގަނޑުވަރު ހިފި ގޮތުގެ ވާހަކަ އެވެ.
އެ ހަތް ގަނޑުވަރު ހިފުމަށް ފަހު، އޭގޮން އަކީ މަޝްހޫރު "އަޔަން ތުރޯން" އަށް އިސްކުރި ފުރަތަމަ ރަސްކަލެވެ. އަދި ޓާގޭރިއަން ޑައިނެސްޓީ ފެށިގެން އައި ރަސްކަލެވެ. އެ ވާހަކައިގެ ކަންކަން ހިނގާ ގޮސްފައި ވަނީ "ޖީއޯޓީ" ގައި ގެނެސްދިން ވާހަކައިގެ 300 އަހަރު ކުރީގަ އެވެ.
"ޖީއޯޓީ" ފްރަންޗައިޒްގައި ގިނަ ޕްރޮޖެކްޓުތަކެއް އިއުލާނުކުރި ނަމަވެސް، މިހާތަނަށް ކާމިޔާބު ކަމާއެކު ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރު ނިކުތް "ހައުސް އޮފް ޑްރެގަންސް" އެވެ. އެ ސީރީޒަށް ވަނީ ބޮޑު ތަރުހީބެއް ލިބި، ދެ ވަނަ ސީޒަނެއް ވެސް އިއުލާނުކޮށްފަ އެވެ.