06 އެޕްރީލް 2023 - 12:22

އާ ސީޒަނަށް ކްލަބް ވެލެންސިއާ އިން އަންގާރަ ދުވަހުގެރޭ ޕްރެކްޓިސް ފަށައިފި އެވެ.
ވެލެންސިއާގެ ފުރަތަމަ މުބާރާތަކަށް ވާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ފަށަން އެފްއޭއެމުން ތާވަލުކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕެވެ. އެ ޓީމު ނުކުންނާނީ މިދިޔަ އަހަރު މާޒިޔާ ބަލިކޮށް ހޯދި އެ ތަށި ދިފާއުކުރާށެވެ.
އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ކޯޗުކަމުގައި ޕްރެކްޓިސް ފެށި ވެލެންސިއާ އިން ފެންނަ އެންމެ ސީނިއާ ކުޅުންތެރިޔަކީ މާޒިޔާގެ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މީގެ އިތުރުން އަބްދުﷲ ޔާމީން (ޔާން) އާއި ހަސަން ސުފިޔާން (ސޫފީ) ވެސް ބައިވެރިވި އެވެ.
ވެލެންސިއާ ޓީމުގައި ދެން ގިނައީ އެ ކްލަބުގެ ޔޫތު ޓީމުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ދާދި ފަހުން ނިމުނު އިންޓަ ސްކޫލް މުބާރާތުގައި މޮޅު ކުޅުމެއް މުހައްމަދު އިލާން އިމްރާން އާއި އީތަން އިބްރާހީމް ޒަކީ ހިމެނެ އެވެ. އެކަމަކު މި ކުޅުންތެރިން ސީނިއާ ސްކޮޑުގައި ހިމަނާނެ ކަމެއް އަދި ނޭގެ އެވެ.
އީގަލްސް އަތުން 2-1 އިން މާޒިޔާ މޮޅުވެ ޗެރިޓީ ޝީލްޑް އުފުލާލި މެޗުން މި ހަފުތާގައި ސީޒަން ވަނީ ފަށައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް އާ ސީޒަނުގެ ޝެޑިއުލް ރަސްމީކޮށް އެފްއޭއެމުން ނެރެފައެއް ނުވެ އެވެ.
ފައިސާގެ މައްސަލަތަކާ ހެދި ގިނަ ކްލަބްތަކުން ތައްޔާރުވާން ނުފަށާ އޮތުމުން ސީޒަން ފެށިދާނެ ކަމާ މެދު ވެސް ސުވާލު އުފެދުނެވެ. އެކަމަކު އެފްއޭއެމުން ވަނީ، ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ޑިވިޝަނުގެ 8 ޓީމު ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.
ވެލެންސިއާ އަކީ ފުރަތަމަ ޑިވިޝަނުގެ ކުރީގެ ގަދަބާރުތަކުގެ ތެރެއިން މިވަގުތު މަތީ ފަޑީގައި އޮތް ހަމައެކަނި ޓީމެވެ. ވާދަވެރި ނިއު ރޭޑިއަންޓާއި ވިކްޓްރީ އޮތީ ފައިސާގެ މައްސަލަތަކާ ހެދި ދެ ވަނަ ޑިވިޝަނުގަ އެވެ. ވެލެންސިއާ އަށް ވެސް އެ ހާލަތު ކުރިމަތިވެ ދެ ވަނަ ޑިވިޝަނަށް ވެއްޓުނެވެ. އެކަމަކު އެނބުރި އައިސް މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް އެފްއޭ ކަޕުގެ ދެ ވަނަ ހޯދި އެވެ.