07 އެޕްރީލް 2023 - 09:58

ބޮލީވުޑްގެ ބަތަލް، ސައިފް އަލީ ހާނަކީ ސްޓައިލަށް ސަމާލުކަން ދޭ މީހެއް ނޫން ކަމަށާއި އެއް ހެދުމެއް ފަސް އަހަރު ވެސް ގެންގުޅެފާނެ ކަމަށް އޭނާގެ އަންހެނުނުް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

ފަހުގެ އިންޓަވިއުއެއްގައި ކަރީނާ ބުނީ ސައިފްގެ ޓްރެކް ސޫޓެއް ގެންގުޅޭތާ މިހާރު ފަސް އަހަރު ވަނީ ކަމަށެވެ.
"ސައިފަކީ، ފާއިތުވި ފަސް އަހަރު އެއް ޓްރެކް ޕޭންޓެއް ލާން ގެންގުޅުނު މީހެއް. އޭނާ އާ އެއްޗެއް ނުގަންނާނެ އަހަރެން ބުނީމާ ނޫނީ،" ކަރީނާ ބުންޏެވެ.
ކަރީނާ ބުނި ގޮތުގައި، އެއް ފަހަރަކު ސައިފު ގާތު، ލޯވަޅު އެޅިފައި ހުރި ޓީޝާޓު ލާތީ އެވާހަކަ ބުނުމުން އެއީ މައްސަލައެއް ނޫން ކަމަށް ބުނި ކަމަށެވެ. އެކަމަކު ވެސް ކަރީނާ ބުނީ ސައިފަކީ އޭނާ އަށް ފެނުނު އެންމެ "ސްޓައިލިޝް" މީހާ ކަމަށެވެ.
މީގެ ކުރިން ކަރީނާ ދިން އިންޓަވިއުއެއްގައި ވަނީ އެކަކަށް ވެސް ސައިފް ސްޓައިލް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
"އެކަކަށް ވެސް ސައިފް ސްޓައިލެއް ނުކުރެވޭނެ. އޭނާ އަބަދުވެސް ލާނީ ސްޓައިލިސްޓް ދޭ އެއްޗާ ދިމާ އިދިކޮޅު އެއްޗެއް. އޭނާ އަކީ އޭނާގެ ޒާތުގައި ސްޓައިލިޝް މީހެއް،" ސަމާސާ ކުރަމުން ކަރީނާ ބުންޏެވެ.
ކަރީނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނިކުތް ރޮމޭންސް ޑްރާމާ "ލާލް ސިންހް ޗައްދާ" ގައި އާމިރް ހާނާ އެކު އެވެ.
ސައިފް ދެން ފެންނާނީ އަންނަ ޖޫން މަހު ނެރޭ ފިލްމު "އަދިޕުރުޝް" ގައި ޕްރައްބާސް އަދި ކްރިތީ ސެނޮންއާ އެކު އެވެ.