06 އެޕްރީލް 2023 - 11:25

ލޯތްބާ އެކު ފޯރީގައި އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރަނީ އެވެ. ސޯޝަލްމީޑިއާގެ ފީޑް ފުރާލި މި މޫވްމަންޓް މިފަހަރު މާ ބޮޑަށް ވެސް ޚާއްސަ އެވެ. އެއްގެއިން އަނެއް ގެއަށް ތަށިބަރި ހަދިޔާކުރަނީ "މަންމަގެ ވެދުމާ" އެކުގަ އެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު #ތަށިބަރިމޫވްމަންޓް އަނެއްކާ ވެސް އެނބުރި އައީ އެވެ.
މި މޫވްމަންޓް ދިރާގުން އެންމެ ފުރަތަމަ ފެށީ 2018 ގަ އެވެ. އެ ހަރަކާތަަށް ލިބުނު ކާމިޔާބީއާ ގުޅިގެން ޖެހިގެން އައި އަހަރު ވެސް ވަރަށް ފޯރީގައި އެ މޫވްމަންޓު ކުރިއަށް ގެންދިއުމަށް ފަހު މެދުކަނޑާލަން ޖެހުނީ ކޮވިޑުގެ ސަބަބުންނެވެ.
މި އަހަރުގެ ޝިއާރު ދިރާގުން ކަނޑައަޅާފައި ވަނީ މަންމަގެ އަގު ވަޒަންކުރުމުގެ ގޮތުން "މަންމަގެ ވެދުން" ހޭޝްޓެގުގަ އެވެ.
ދިރާގުން ބުނީ މި އަހަރުގެ ތަށިބަރި މޫވްމަންޓުގައި މަންމަގެ ހާއްސަ ރަހަތައް ހިމެނޭ އެކި ބާވަތްތައް ހަދައި ހަދިޔާކުރަން ހިތްވަރުދޭ ކަަމަށެވެ. މި ތަށިބަރިއާ އެކު އެއް ގެއިން އަނެއް ގެއަށް ފޮނުވާލަނީ ލޯތްބާއި ހިތްހެޔޮކަމާއި ދިވެހިންގެ ތެރޭގައި އޮންނަ ރީތި އަދާ އެވެ.
މި ހަރަކާތުގެ ބޭނުމަކީ، އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ގެއްލި ގޮސްފައިވާ ދިވެހިންގެ ސަގާފަތެއް ދިރުވުމާ އެކު އެކަކު އަނެކަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިތްވަރުދިނުން ކަމަށް ދިރާގުން ބުންޏެވެ.
މި އަހަރުގެ ތަށިބަރި މޫވްމަންޓު ފެށުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ލޯގޯ އާއި ކުލަތައް ހިމެނޭ ރީތި ޑިޒައިނެއްގެ ތަށިބަރިއެއް ފަރުމާކޮށް އާއްމު އެކި ފަރާތްތަކާއި ހަވާލުކޮށްފަ އެވެ. މި މޫވްމަންޓަކީ ތަށިބަރި ލިބުނު ފަރާތްތައް، އެ ފަރާތްތަކުގެ މަންމަގެ ހާއްސަ ރެސިޕީއެއް ތައްޔާރުކޮށް، ބޭނުން މީހަކަށް ހަދިޔާކޮށް އެ މީހަކު އެ ތަށިބަރި އެހެން މީހަކަށް ދިނުމަށް ނޮމިނޭޓުކޮށް ކުރިއަށް ގެންދާ ސޯޝަލްމީޑިއާ މޫވްމަންޓެކެވެ. އެންމެ ބޮޑަށް ތަށިބަރީގެ ޕޯސްޓުތައް ފެންނަނީ ޓުވިޓާ އާއި އިންސްޓަގްރާމުންނެވެ.
ޓުވިޓާގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ އެކި ދާއިރާތަކުގެ މަސައްކަތް ކުރާ ނަން މަޝްހޫރު ބޭބޭފުޅުންނާއި، އިންފްލުއެންސާއިންނާއި އާއްމުންގެ ގިނަ ބަޔަކު ވެސް ދަނީ ބައިވެރިވަމުންނެވެ.
ދިރާގުން ބުނީ އެ ކުންފުނިން ހިތްވަރު ދެނީ އަވަށްޓެރިންނާއި، ރައްޓެހިންނާއި އާއިލާތައް މެދުގައި ތަށިބަރި ހަދިޔާކުރަން ކަމަށެވެ. ތަށިބަރި ހަދިޔާކުރުމުގައި ކޮންމެ މީހެއްގެ ވެސް މަންމަގެ ހާއްސަ ކެއުމެއް ހިމެނުމަށް ދިރާގުން ބާރު އަޅަ އެވެ.
މި މޫވްމަންޓު ކުރިއަށް ގެންދިއުމަށް 100 އަށް ވުރެ ގިނަ ތަށިބަރި އެކި ދާއިރާތަކުގެ އެކި މީހުންނަށް ދިރާގުން ވަނީ ދީފަ އެވެ.