ވިސާ ނުލިބުނު ކަމަށް ބުނެ ސަފާ އިން ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކޮށްފި
ވިސާ ނުލިބުނު ކަމަށް ބުނެ ސަފާ އިން ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކޮށްފި

ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިއަދު ހެނދުނު އުމްރާއަށް ދާން ތައްޔާރުވެ ތިބި މީހުންނަށް ސައޫދީން ވިސާ ހަމަނުޖެހޭ ކަމަށް ބުނެ އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކޮށްފި އެވެ.

ވިސާ ނުލިބުނު ކަމަށް ބުނެ ސަފާ އިން ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކޮށްފި
ވިސާ ނުލިބުނު ކަމަށް ބުނެ ސަފާ އިން ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކޮށްފި

ސަފާ ގްރޫޕުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް މި ވަގުތާ ހަމައަށް ވެސް ދޫކޮށްފައި ނުވާތީ ފުރެން ނެތީ ކަމަށެވެ.

"މިއަދުގެ މި ވަގުތާ ހަމައަށް އައި އިރު ވެސް ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަމެވެ." ސަފާގެ ވައިބަ ގްރޫޕްގައި ބުނެފައިވެ އެވެ.

އެ މެސެޖުގައި ބުނެފައިވަނީ އެހެންވެ އެއްވެސް މީހަކު ފުރަން އެއާޕޯޓަށް ނުދިއުމަށެވެ. އަދި ދަތުރާ ގުޅޭ މައުލޫމާތު ފަހުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ސަފާ ގްރޫޕުން މިއަދު 130 އަށް ވުރެން ގިނަ މީހުން ފުރަން އެއް ބަޔަކަށް ހެނދުނު ފްލައިޓަށް ވަގުތު ދީފައި އޮތް އިރު މިރޭ އެއާޕޯޓަށް ދާން ވެސް ބައެއް މީހުންނަށް އަންގާފައިވެ އެވެ.

ސަފާގެ ހަވާލުގައި ހެނދުނު ފުރަން ތައްޔާރުވި މީހެއްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ވިސާގެ އެއްވެސް މައްސަލައެއް އުޅޭކަން ކުރިން އަންގާފައި ނުވާ ކަމަށާއި ވިސާ ހަމަނުޖެހޭކަން އެނގުނީ ރޭގެ ފަތިހު ކަމަށް ސަފާ އިން ބުނި ކަމަށެވެ.

"ފޮށިތައް ވެސް އިއްޔެ އެއާޕޯޓަށް ގެންގޮސް ޕްރީ ޗެކިން ވެސް ނިންމާފައި ކަމަށް ބުނީ. ރިފަންޑަށް އެދުމުން ބުނީ އެއީ ދެން ވަރަށް އުނދަގޫ ކަމެކޭ،" އޭނާ ބުންޏެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ވިސާ ހަމަޖެހިފައި ނެތުމުން ލަގެޖްތައް ވެސް ހުރީ ޗެކިން ނުކޮށް ބަހައްޓައިފަ އެވެ.

އޭނާ ބުނީ މިކަމުގައި ކުންފުނިން ކުރާނެ ކަމެއް ނެތް ކަމަށް ކުންފުނިން ވާހަކަ ދެއްކި މީހަކު ބުނި ކަމަށެވެ. އޭނާ ބުނީ ދެން ކުރިއަށްދާނެ ގޮތެއް ފަހުން އަންގާނެ ކަމަށް ބުނި ކަމަށާއި ފުރޭނެ ގޮތެއް ނެތުމުން ފޮށިތައް ގެންދަން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

ސަފާ ކުންފުނިން ގުޅަން ދީފައިވާ އާންމު ނަންބަރަށް ގުޅުމުން މިހާރު ފޯނަށް ޖަވާބެއް ނުދެ އެވެ. އެހެންވެ މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.

ހައްޖާއި އުމްރާއަށް ދިއުމުގެ ވިސާއަށް އޮންލައިންކޮށް ހުށަހެޅެ އެވެ. ވިސާއަށް އެދިގެން، މާ ގިނަ ވަގުތުތަކެއް ނުނަގައި، ހަމަޖެހޭ ކަމަށް ބައެއް ކުންފުނިތަކުން ބުންޏެވެ. ރާއްޖޭގެ ކުންފުނިތަކުން، އިންތިޒާމްތައް ހަމަޖައްސަނީ އެކޮޅުގެ ކޮންމެވެސް އެޖެންސީއެއް މެދުވެރިކޮށެވެ.

މިއަދަކީ ރޯދަ މަހުގެ ފަހު 10 އާ ދިމާކޮށް ރާއްޖޭން ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރަން ހަމަޖެހިފައިވާ ދުވަހެކެވެ. ރާއްޖެ އިން ގިނަ ބަޔަކު އުމްރާއަށް އިއްޔެ ވެސް ފުރާފައިވާ އިރު ވިސާގެ މައްސަލައެއް ކުރިމަތިވެފައެއް ނުވެ އެވެ.

ޓިކެޓް ނަގައި ހުރިހާ ކަމެއް ހަމަޖެހުނު ނަމަވެސް މީގެ ކުރިން ވެސް ވިސާގެ މައްސަލަ ދިމާވެ އުމްރާއަށް ފުރޭ ގޮތް ނުވުމުގެ މައްސަލަތައް ދިމާވެފައިވެ އެވެ. ނަމަވެސް މިކަން ހިނގާ ގޮތް އެނގޭ މީހުން ބުނާ ގޮތުގައި ވިސާ ހަމަނުޖެހޭކަން ކުރިން ވެސް އެނގޭނެ އެވެ. ހުރިހާ ކަމެއް ހަމަޖެހުނަސް އެޖެންޓުންނާ މެދު ފައިސާގެ މައްސަލައެއް އުޅޭ ނަމަ ވިސާ ދޫނުކޮށް ހިފެހެއްޓުމަކީ ވަރަށް އެކަށީގެންވާ ސަބަބެއް ކަމަށް އެ މީހުން ބުނެ އެވެ.