22 ޖެނުއަރީ 2017 - 19:57

ދަތުރުވެރިންނަށް އެއާޕޯޓުން ޑޮލަރު ދޫކުރަން ފެށިތާ ދެ ހަފުތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ވިއްކައިފި އެވެ.
މި މަހުގެ 8 އިން ފެށިގެން ދިވެހި ދަތުރުވެރިންނަށް ޑޮލަރު ދޫކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޗެކިން ވުމުން، އެ ތަނުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ކައުންޓަރުންނެވެ. އެއާޕޯޓަށް ދިއުމުގެ ކުރިން ޑޮލަރު ގަންނަން އޮންލައިންކޮށް ބުކިން ހައްދައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ޕޯޓަލެއް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފަ އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ނިޒާމު މެދުވެރިކޮށް މިހާތަނަށް ވަނީ އެއް މިލިއަން ޑޮލަރު ވިއްކައިފަ އެވެ. އެއީ 2،500 ޓިކެޓަށް ވިއްކި ޑޮލަރު ކަމަށް އެ ބޭންކުން ބުންޏެވެ.
އެކަން ފާހަގަކުރަން ބީއެމްއެލް އިން ވަނީ އެއާޕޯޓުގައި މިއަދު ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވި އެވެ.
ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިން މިހާރު އޮންލައިންކޮށް ބުކިން ހެއްދުމަށް ފަހު، ފައިސާ ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓަށް ވަދެ، އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް އަށް ވަނުމަށް ފަހު، ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖަހައި، ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެދުނީ އެވެ. އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިންވުމަށް ފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެ އެވެ.
އެކަމަކު މި ނިޒާމުގެ ދަށުން ވެސް ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ، ކުރިން ވެސް އޮންނަ ގޮތަށް 500 ޑޮލަރެވެ. އަދި ބުކިން ހައްދާއިރު، އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ހަމަ ފަސް މީހުންނެވެ.
ބީއެމްއެލް މެދުވެރިކޮށް އެއާޕޯޓުން ޑޮލަރު ވިއްކަން ފެށުމުގެ ކުރިން، މިދިޔަ ބޮޑު ޗުއްޓީގެ ތެރޭގައި ދަތުރުވެރިންނަށް ޑޮލަރު ވިއްކީ ސީދާ މަރުކަޒީ ބޭންކުންނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކި ދޮޅު މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.