"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު
"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު

އެންމެ ކުރިއްސުރެ އޭނާ އަހަނީ ލ. ގަމުގައި އޮންނަ "ޕަރީ ފެންގަނޑަކީ" އަޑި ނޭނގޭ ތަނެއްގެ ގޮތުގަ އެވެ. އެ ތަން ރާއްޖެއަށް މަޝްހޫރުވެފައި އޮންނަނީ ވެސް އެ ސިފަކުރުމުގަ އެވެ. އެ ފެންގަނޑަށް ވައްޓާލާ އެއްޗެއް މައްޗަށް އަރާނީ ރާއްޖޭގެ އެހެން ސަރަހައްދަކުން ކަމާއި ދުވަހަކު ވެސް އެތަނުގެ އަޑިއަށް އަދި މީހަކަށް ނުދެވޭ ކަމަށް ވެސް އޭނާ އަޑު އަހަ އެވެ.

"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު
"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު

އެހެންވެ، 27 އަހަރުގެ މުހައްމަދު ރަޝީދު ނުވަތަ އާއްމު ނަމުން ނަމަ ޕިންޑޯ ބޭނުންވީ އެކަން ތަޖުރިބާކޮށްލާށެވެ. ފުޅި ބޭނުންނުކޮށް، އަޑިއަށް ފީނުމުގެ ތަޖުރިބާ ހުރި މި ޒުވާނާ އަށް، ވަށައިގެން ބޯކޮށް ކަނޑޫގަސް ހެދިފައި އޮންނަ އެ ފެންގަނޑުގެ އަޑިން ފެނުނީ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ.

"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު
"ޕަރީ ފެންގަނޑު" އަޑީގައި ޕިންޑޯގެ ތަޖުރިބާ، ވަރަށް ތަފާތު

"އެއީ ހަމަ މެންދުރު ގަޑި. އެކަމަކު ފެންގަނޑުގެ އަޑިއަށް ދާ ވަރަކަށް އަނދިރިވަމުން ދިޔައީ. ވަކި ހިސާބަކަށް ދިޔުމުން ޓޯޗުގެ އަލި ވެސް ނުފެންނަހާ އަނދިރިވި،" ޕިންޑޯގެ ތަޖުރިބާ ކިޔައިދިނެވެ.

ޕަރީ ފެންގަނޑަކީ މޫދާ ނުގުޅި އޮންނަ ކުޅިއެކެވެ. ލ. ގަމަށް ދާ މީހަކު ވިއްޔާ އެތަނަށް ޒިޔާރަތްކޮށް ފެންގަނޑަށް އެރި ހަދަ އެވެ.

ރަހުމަތްތެރިންނާ ކުރި ޗެލެންޖަކަށް ޕިންޑޯ ފެންގަނޑުގެ އަޑިއަށް ގޮސް، އެތަން ވީޑިއޯ ކުރަން ބޭނުންވީ ވެސް އެ ސަބަބާ ހުރެ އެވެ.

އޭނާ ބުނި ގޮތުގައި އެއްވެސް އެއްޗެއް ނުފެންނަހާ އަނދިރިވުމުންނާއި އަޑި އޮންނާނެ ގޮތް ނޭނގޭތީ، ވަރަށް ޖެހިލުންވެ ބިރު ވެސް ގަތެވެ. އެކަމަކު އާއްމުކޮށް އަޑިއަށް ފީނާ އުޅޭ ޒުވާނާ އެހާ އަވަހަށް އެކަން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ.

ޕިންޑޯ ބުނީ އަޑި ނޭނގޭ ފެންގަނޑެކޭ މީހުން ބުނި ނަމަވެސް ނުވަ ވަރަކަށް މީޓަރު އަޑިއަށް ދިޔަ ތަނުން ފެންގަނޑުގެ އެންމެ ފުނަށް ދެވުނު ކަމަށެވެ. އަޑީގެ ފެންގަނޑު ލޮނުވެފައި އިންތިހާއަށް ފިންޏެވެ. އަދި އަޑު ހުންނަނީ އެކޯ ވެފަ އެވެ.

"ފެންގަނޑުުގެ ސާފޭސްގައި ހުންނަނީ ފްރެޝް ފެން. އެކަމަކު އަޑިއަށް ދާ ވަރަކަށް ލޮނުވެފައި ފިނި،" އޭނާ ބުންޏެވެ.

ޓޯޗަކުން އަލިކޮށްގެން އޭނާ އެތަނުގެ އަޑި ބަލައި، ރަހުމަތްތެރިންނަށް ދައްކާލަން ވީޑިއޯ ވެސް ކުރި އެވެ.

ފެންގަނޑުގެ އަޑި ވަރަށް ސާފެވެ. އޭނާ ފީނި އެންމެ ފުން ހިސާބުގެ އަޑީގައި ހުރީ، އެތަނަށް އެޅޭ ގަސްގަހުގެ ގޮފިކޮޅާއި ފަތެވެ. އެކަމަކު ފެންގަނޑު ތަޣައްޔަރު ވެފައެއް ނެތެވެ. ފެންގަނޑުގެ މަތީގައި ކުދި މަސް އުޅުނު ނަމަވެސް އަޑިން އެއްވެސް ވަރަކަށް މަހެއް ނުފެނެ އެވެ.

ޕިންޑޯ ބުނީ ފެންގަނޑުގެ އެކި ހިސާބުގައި ހުންނަނީ އެކި ފުންމިން ކަމަށާއި މީހުން އާއްމުކޮށް އެރި އުޅޭ ހިސާބުގައި ހުރީ ފަސް ވަރަކަށް މީޓަރު ކަމަށެވެ. އަދި އެ ހިސާބު އަޑީގައި ބޮޑެތި ގޮފިގަނޑު ހުރުމުން، މާ ރަނގަޅަށް އެތަން ނުބެލުނު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އެރުނީ ދިޔަވަރު ވަރަށް ކުޑަވެފައި ވަނިކޮށް. އެހެންވެ، ދިޔަވަރު ބޮޑު ގަޑިއެއްގައި މިއަށް ވުރެ ފެންގަނޑު ބޮޑު ވާނެ. ބައެއް މީހުން ބުނޭ ވަކި ހިސާބުގައި 13 މީޓަރުގެ ފުން މިން ވެސް ހުންނާނެ ކަމަށް،" ޕިންޑޯ ބުންޏެވެ.

ޕަރީ ފެންގަނޑުގެ އަޑިއަށް މީގެ ކުރިން މީހަކު ދިޔަ ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެރަށުގެ ބައެއް މީހުން ވެސް ބުނަނީ ފެންގަނޑުގެ އަޑިއަށް މީހަކު ފީނާފައިނުވާ ކަމަށެވެ. އެކަމަކު ޔަގީނުން ވެސް މިއީ، ފެންގަނޑުގެ އަޑީގެ ފުރަތަމަ ވީޑިއޯ އެވެ.

ޕިންޑޯގެ އެ ވީޑިއޯ ބަލާފައި އޭނާގެ ރަހުމަތްތެރިންނާއި ގިނަ މީހުން އެއަށް ތައުރީފް ކުރި ނަމަވެސް ގަމުގެ ދުވަސްވީ ބައެއް މީހުން އެއީ ހަގީގަތެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި ޕަރީ ފެންގަނޑުގެ އެންމެ އަޑިއަށް އެއްވެސް މީހަކަށް ނުދެވޭނެ އެވެ.