05 އެޕްރީލް 2023 - 12:59

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް، ނިއު ޔޯކްގެ ކޯޓުގައި އިއްޔެ އުފުލި ދައުވާތަކުގެ މައިގަނޑު އަމާޒަކީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއަށް، ޓްރަމްޕު ފައިސާތަކެއް ދެއްވި މައްސަލަ ކަމަށް ވިޔަސް، އެ ދައުވާގެ ތެރެއިން އިތުރު އަންހެނަކު ފެންމަތިވެއްޖެ އެވެ.

ދައުވާތަކާ ގުޅޭ އިތުރު ލިޔުންތަކުން އެނގޭ ގޮތުގައި ޓްރަމްޕުގެ ފަރާތުން (އަންހެނާ 1) އަށް ފައިސާތަކެއް ދިނެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެހެން ލިޔުންތަކުން އެނގޭގޮތުގައި އަންހެނާ 1 އެއީ، ކުރީގެ ޕްލޭބޯއީ މޮޑެލްއެއް ކަމަށްވާ ކެރިން މެކްޑޫގަލް އެވެ.

ލިޔުންތަކުގައި ކެރިން ބުނެފައިވާ ގޮތުގައި އޭނާ އާއި ޓްރަމްޕާ ދެމެދު 10 މަސް ދުވަހުގެ މުއްދަތަކަށް ލޯބީގެ ގުޅުން އޮތެވެ. ނަމަވެސް ރައީސް ޓްރަމްޕު ވިދާޅުވަނީ ކެރިންއާ އެކުގައި އެފަދަ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ނިއު ޔޯކާ މަޖައްލާގައި 2006 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ކެރިން އާއި ޓްރަމްޕު އެންމެ ފުރަތަމަ ބައްދަލުވީ، ޕްލޭބޯއީ މަޖައްލާގެ މައި އޮފީސް ހުންނަ އިމާރާތުގެ ތެރެއިންނެވެ. އެ ދުވަހު ޓްރަމްޕުގެ ވަރަށް ގިނައިން އޭނާ އަށް ބެއްލެވި ކަމަށާއި، އިރުކޮޅެއް ވަންދެން ވާހަކަ ދެއްކެވި ކަމަށާއި، ވަރަށް ރީތި ކަމަށް ޓްރަމްޕު ވިދާޅުވި ކަމަށް ކެރިން ބުންޏެވެ.
ކެރިން ބުނި ގޮތުގައި ޓްރަމްޕާ އެކުގައި އޮތް 10 މަސްދުވަހުގެ ގުޅުމަކީ ވަރަށް ލޯތްބާއި ވަރަށް އޯގާތެރިކަމާ އެކު ދެމިއޮތް ގުޅުމެކެވެ. އެ މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު ވެސް ފަސް ވަރަކަށް ފަހަރު ދެމީހުން ބައްދަލުކުރާ ކަމަށް ކެރިން ބުންޏެވެ.
ދެ މީހުން ގުޅުން ނިމުމަކަށް އައި ފަހުން، 2016 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ކެމްޕޭން އެންމެ ފޯރީގައި ކުރިއަށް ދިޔަ ދުވަސްވަރު، އެ ގުޅުމާ ބެހޭ ގޮތުން، ނޭޝަނަލް އިންކުއައިރާ ކިޔާ ޓެބްލޮއިޑް މަޖައްލާއަށް ޚާއްސަ އިންޓަވިއުއެއް ދިނުމަށް، އެ މަޖައްލާއާ އެކު ކެރިން އެއްބަސްވުމެއް ހެދި އެވެ. އެ އިންޓަވިއު ދިނުމަށް ފަހު، އެ ގުޅުމާ ބެހޭ ގޮތުން އާންމު އެއްވެސް ތަނެއްގައި އިތުރަށް އެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް ހެދި އެއްބަސްވުމުގެ އަގަކީ، 150000 ޑޮލަރެވެ.
ނަމަވެސް އެ މަޖައްލާގައި އެ އިންޓަވިއު ޝާއިއު ނުކުރުމުން، އެއީ ކެމްޕޭންގެ ތެރޭގައި އެ ވާހަކަ ދެއްކިޔަ ނުދިނުމަށް ޓްރަމްޕުގެ ފަރާތުން ޖެހި މަޅިއެއް ކަމަށް، ކެރިން އަށް ގަބޫލު ކުރެވުނެވެ.
އެ މައްސަލަ ފަޅާއެރުމުން، ކެމްޕޭނަށް ފައިސާ ހޭދަކުރުމާ ގުޅޭ ގާނޫނު ތަންފީޒު ކުރާ އިދާރާގެ ހައިސިއްޔަތުން، އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނުން ވަނީ، ނޭޝަނަލް އިންކުއައިރާ މަޖައްލާ، 2021 ވަނަ އަހަރު 187000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ ކޮމިޝަނުން ބެލީ، 2016ގެ ރިއާސީ ކެމްޕޭންގެ ދުވަސްވަރު ކެރިންގެ އިންޓަވިއު ގަތުމުގެ ނަމުގައި އެ މަޖައްލާ އިން އޭނާ އަށް ހޭދަކުރި ފައިސާއަކީ، ގާނޫނާ ޚިލާފަށް ކެމްޕޭނަށް ހޭދަކުރި ފައިސާއެއް ކަމަށެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ކެރިން ވަނީ ޓްރަމްޕުގެ އަނބިކަނބަލުން މެލޭނިއާގެ އަރިހުން އާންމު ތަނެއްގައި މައާފަށް އެދިފަ އެވެ. ކެރިން ބުނީ ޓްރަމްޕާ އެކުގައި އެ ގުޅުން ބޭއްވުނީތީ ހިތާމަކުރާ ކަމަށާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއަށް ފައިސާ ދިން މައްސަލައަށް ކަމަށް ވިޔަސް، ކެރިންއާ ގުޅޭ ވާހަކަތައް ހިމަނާފައިވަނީ، ޓްރަމްޕުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ބާރުލިބިދޭ ގަރީނާއެއްގެ ގޮތުގަ އެވެ.