މެސީ އަށް ސައޫދީ ޓީމަކުން ރެކޯޑް އަދަދެއް ހުށަހަޅައިފި
މެސީ އަށް ސައޫދީ ޓީމަކުން ރެކޯޑް އަދަދެއް ހުށަހަޅައިފި

ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ލިއޮަނަލް މެސީގެ ސޮއި ހޯދުމަށް ރެކޯޑް މުސާރައެއް ކަމަށްވާ އަހަރަކު 400 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ހުށަހަޅައިފި ކަމަށް ރިޕޯޓްކޮށްފި އެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ. ޕީއެސްޖީން ވަނީ މިހާރު އޭނާ އަށް ދޭ މުސާރައާ އެކު ކޮންޓްރެކްޓް އާކުރަން ހުށަހަޅައިފަ އެވެ.

އަނެއްކޮޅުން މެސީގެ ކުރީގެ ކްލަބް ބާސެލޯނާ އިން ވެސް އޭނާ ގެންދަން ބޭނުންވާ ކަމަށްވެ އެވެ. އެކަމަކު އެ ކްލަބަށް މެސީ އަށް އޮފާ ކުރެވޭނީ، މިހާރު ދިމާވެފައިވާ މާލީ މައްސަލަ ހައްލުވުމުންނެވެ.

އިޓަލީގެ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކުރާ ގޮތުގައި މެސީގެ ވިސްނުން ހުރީ ޔޫރަޕުގެ ލީގެއްގައި ކުޅެން ކަމަށާއި ހާއްސަކޮށް އަންނަ އަހަރުގެ ކޮޕާ އެމެރިކާއާ ހަމައަށް ޔޫރަޕުގައި މަޑުކުރަން އޭނާ ބޭނުންވާ ކަމަށެވެ.

އެހެންވެ ހިލާލް އިން ބޮޑު މުސާރައެއް ހުށަހެޅިޔަސް އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށް ނުބެލެވެ އެވެ. އަނެއްކޮޅުން ޕީއެސްޖީގައި މަޑުކުރުމުގެ ވިސްނުމެއް ވެސް މެސީގެ ނެތް ކަމަށް ވެ އެވެ. ކްލަބުގެ ބައެއް ސަޕޯޓަރުން ވަނީ ދާދި ފަހުން މެސީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މަޝްހޫރު ތަރިން ގެނެސް ޗެމްޕިއަންސް ލީގު ނުހޯދޭތީ މެނޭޖްމަންޓާއި ސަޕޯޓަރުން ވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ.

އެހެންވެ ބެލެވޭ ގޮތުގައި މެސީ، ބަދަލުވާނީ ބާސެލޯނާ އަށެވެ. އޭނާ ގެންދަން އެންމެ ބޭނުންވަނީ މެސީއާ އެއްްކޮށް ކުޅުނު، އެ ޓީމުގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް އެވެ. އިޓަލީގެ އިންޓަ މިލާނުން ވެސް މެސީ އަށް ޝައުގުވެރިވެ އެވެ.

ހިލާލް އިން މެސީ ގެންދަނީ، ވާދަވެރި އައް ނަސްރު އިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމުންނެވެ. ރޮނާލްޑޯ އަށް އެ ކްލަބުން އަހަރަކު 200 މިލިއަނެއްހާ ޔޫރޯ ދެ އެވެ.

ސައޫދީގެ ވެރިރަށް ރިޔާޒަށް ނިސްބަތްވާ ހިލާލް އަކީ އޭޝިއާގެ އެންމެ ކާމިޔާބު ކްލަބެވެ. ޖުމްލަ 65 ޓްރޮފީ ހޯދާފައިވެ އެވެ. އެ ޓީމުގެ ކޯޗަކީ، އާޖެންޓީނާ ގައުމީ ޓީމަށް ކުރިން ކުޅުނު ރާމޯން ޑިއާޒް އެވެ.