06 އެޕްރީލް 2023 - 07:07

މަގްބޫލު ވީޑިއޯ ޕްލެޓްފޯމް ޓިކްޓޮކުން ކުޑަކުދިންގެ ޑޭޓާ ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިނގިރޭސިވިލާތުން 15.9 މިލިއަން އެމެރިކާ ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކް ޖޫރިމަނާ ކުރަން ނިންމީ ޑޭޓާ ރައްކާތެރި ނުކުރެވި، ހާއްސަކޮށް ކުޑަކުދިންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ގާނޫނާ އެއްގޮތަށް ރައްކާތެރިނުކުރެވުމުން ކަމަށެވެ.
"ޓިކްޓޮކްގެ ގަވައިދުގައި 13 އަހަރުން ދަށުގެ ކުދިންނަށް އެ އެޕް ބޭނުން ނުކުރެވޭނެ ކަމަށް އޮތަސް، 2020 ވަނަ އަހަރު 13 އަހަރުން ދަށުގެ 1.4 މިލިއަން ކުދިންނަށް ޓިކްޓޮކް އެކައުންޓު ހުޅުވުމުގެ ފުރުސަތު ވަނީ ދީފައި،" އެ ބަޔާނުގައި ބުންޏެވެ.
އެ ގައުމުގެ އިންފޮމޭޝަން ކޮމިޝަނަރު ޖޯން އެޑްވާޑްސް ބުނިގޮތުގައި، އެ ފަދަ ކަންތައްތަކަކީ ޓިކްޓޮކުން ރަނގަޅަށް ބަލައި އެކަމަށް ރަނގަޅު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމެއް ކަމަށެވެ.
"އެ ޕްލެޓްފޯމް (ޓިކްޓޮކް) ބޭނުންކުރަނީ ކޮން ބައެއްކަން ރަނގަޅަށް ޗެކެއް ނުކުރެ އަދި އެޕް ބޭނުންކުރާ ކުޑަކުދިން ބޭރު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވޭ" އޭނާ ވިދާޅުވި އެވެ.
ޓިކްޓޮކްގެ ތަރުޖަމާނަކާ ހަވާލާދީ "ސީއެންބީސީ" އިން ބުނި ގޮތުގައި، އައިސީއޯގެ އެ ނިންމުމާ ޓިކްޓޮކުން ދެކޮޅުހަދަ އެވެ. އަދި އެ ނިންމުން މިހާރު އަންނަނީ އެ ކުންފުނިން ރިވިއު ކުރަމުންނެވެ.
"ޓިކްޓޮކުން ވަރަށް ބޮޑު އިންވެސްޓެއް ކުރާ ކަމެއް އެއީ ކުޑަކުދިން ޕްލެޓްފޯމުން ބޭރުކޮށްފައި ބެހެއްޓުން. އަދި މުޖުތަމުއަށް ރައްކާތެރި ޕްލެޓްފޯމެއްގެ ގޮތުގައި ޓިކްޓޮކް ހެދުމަށް އަޅުގަނޑުމެންގެ 40،000 ގެ ސޭފްޓީ ޓީމުން އަންނާނީ އަބަދުވެސް މަސައްކަތް ކުރަމުން،" ތަރުޖަމާނު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޓިކްޓޮކް ޖޫރިމަނާ ކޮށްފައި މިވަނީ އެމެރިކާގައި އެ އެޕް ބޭނުން ނުކުރެވޭ ގޮތަށް މަނާކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.