05 އެޕްރީލް 2023 - 11:56

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހަދަމުން އަންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތުގެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް މިއަދު ހެނދުނު ނޫސްވެރިންނަށް ދައްކާލި އެވެ. އެތަނުގައި ހަދާ ދެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ހުރީ ނިމިފަ އެވެ. އެއީ ކުނި ޖަމާކުރަން ހަދާ ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހަދާ ހަތް ބުރީގެ އޮފީސް އިމާރާތެކެވެ. މިހާރު ކުރަމުން އަންނަނީ މި ދެ އިމާރާތުގެ ފިނިޝިންގެ މަސައްކަތްތަކެވެ.

އެ އިވެންޓަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ހަވާލުކުރިތާ އަހަރެއްހާ ދުވަސްވީއިރު، މިހާރު ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

"މިތަން އެއްކޮށް ނިމިގެން އަދި މިއާއެކީގައި މިތަން ބޭނުންކުރުމަށް ފޯރުކޮށްދެވޭ ވަސީލަތްތައް، އެއީ ކުނި ނެގުމަށް ބޭނުންކުރާ ޕިކަޕާ އަދި އެކިއެކި އިކުއިޕްމަންޓްސްއާ އެކީގައި މިތަން ފުރިހަމަ ވެގެން އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އުއްމީދަކީ އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މިތަން ބޭނުންކުރަން ފެށުން."

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް އަންނާނީ ކުނި އުފުލުމުގެ ނިޒާމަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުނި [ތިލަފުއްޓަށް] މި ގެންދަނީ ވެސަލްއަކަށް ހުރިހާ ކުންޏެއް އޮއްސާލައިގެން. ގެންދާއިރުގައި ވަރަށް ބައިވަރު ކުނި ބޭރަށް އެޅުމާއި އެކަހަލަ ކަންތައްތަކުގެ ސަބަބުން ޝަކުވާ ލިބޭ ދޭތެރެއަކުން. މި ފެސިލިޓީ ނިމިގެން، ކޮންޓެއިނަރުތަކަށް ކުނި އެޅިގެން ބޭރު ކުރެވެން ފެށީމަ އިރާދަކުރެއްވިއްޔާ އެ މައްސަލައަށް ހައްލު ލިބޭނެ،" ސިރާޖު ވިދާޅުވި އެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް މިކަހަލަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސްޓޭޝަންތައް ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ.
އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން މި ސްޓޭޝަންތަކަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިންނެވެ.
މި ޓްރާންސްފާ ސްޓޭޝަންތަކަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ބަހައްޓާނެ ތަންތަނެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފެދޭ ކުނި، މި ސްޓޭޝަންތަކަށް ގެނެސް، ކުނި އުފުލަން މިތަނުގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ބަރުކުރާނެ އެވެ.
ކޮންޓެއިނަރުތަކަށް ކުނި އަޅާނީ އެކި ބާވަތްތަކުގެ ކުނި ތިން ބަޔަކަށް ބަހާލައިގެންނެވެ. ކުނި އުފުލަން މި ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން އެ އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ހުއްޓުވުމެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގާ މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހޭދަކުރެ އެވެ. މި މަސައްކަތް ހަވާލުކުރީ ދޮޅު އަހަރުގެ ތެރޭގައި ނިންމާށެވެ.
މާލެ ސަރަހައްދުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ގޮތުން ފެށި ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ކުނި އެންދުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ރައްކާތެރި ގޮތުގަ އެވެ.
ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމާއި މާލެ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށިތައް ހަދާނެ އެވެ.