ރޮނާލްޑޯގެ ދެ ލަނޑާ އެކު ނަސްރަށް ފުރިހަމަ މޮޅެއް
ރޮނާލްޑޯގެ ދެ ލަނޑާ އެކު ނަސްރަށް ފުރިހަމަ މޮޅެއް

އަލް ހުފޫފް، ސައުދީ އަރަބިއްޔާ (އޭޕްރީލް 5) - ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު އައް ނަސްރުން 5-0 އިން އަލް އަދާލާ ބަލިކޮށް ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

ފުރަތަމަ ހާފު ނިންމާލީ ލިބުނު ޕެނަލްޓީއަކުން 40 ވަނަ މިނިޓުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިން ގޯލުންނެވެ. ނަސްރުން ވަނީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގެ 55 ވަނަ މިނިޓުގައި ޓަލިސްކާ އެޓީމަށް ލީޑު ފުޅާ ކޮށްދިންއިރު، އޭގެ 10 މިނިޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ރޮނާލްޑޯ ޖެހީ ޓަލިސްކާގެ އެހީތެރިކަމާ އެކު އެވެ.

ނަސްރުގެ ހަތަރުވަނަ ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ޓަލިސްކާ އެވެ. އަދި ފަސް ވަނަ ލަނޑު އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި ޖަހައިދިނީ އައިމަން ޔަހްޔާ އެވެ.

މި ނަތީޖާ އާއެކު ނަސްރު އަދިވެސް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދު ވަނީ ރޭ 3-0 އިން ޑަމަކް ބަލިކޮށްފަ އެވެ. އިއްތިހާދަށް 53 ޕޮއިންޓް ލިިފައި ވާއިރު ނަސްރަށް ލިބިފައި ވަނީ 52 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ އަށް މެޗެވެ.

ރޭގެ މެޗުތަކަށްފަހު ނަސްރުގެ ބްރެޒިލް ފޯވާޑް ޓަލިސްކާ ވަނީ، 15 ގޯލު ޖަހައިފައިވާ އިއްތިހާދުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ ފަހަތަށް ޖައްސާލައި އަލުން ލީގުގެ ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. އޭނާ ލަނޑު ލިސްޓުގެ އެއް ވަނައަށް މި އެރީ އަލް ހިލާލް އަށް ކުޅޭ ނައިޖީރިއާ ފޯވާޑް އޮޑިއޯން އިގާލޯ އާ އެކު 16 ގޯލު ހަމަކޮށްގެންނެވެ.

އަލް ހިލާލް ވަނީ އެޓީމުން ރޭ އަލް ފައިހާ އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. ހިލާލްގެ ދެ ގޯލު ވެސް ޖެހީ އިގާލޯ އެވެ.

ޖެނުއަރީ މަހު ސައުދީ ޕްރޯ ލީގުގައި ކުޅެން ފެށި ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން 11 ގޯލު ޖަހައިފަ އެވެ.