22 ޖެނުއަރީ 2017 - 18:29

މިދިޔަ ބުދަ ދުވަހުގެ ރޭ ޕީޕީއެމްގެ އާއްމު މެމްބަރުންނާ އެކު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބާއްވަން އުޅުއްވި ބައްދަލުވުން ފުލުހުން ހުއްޓުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.
ހ. ތެމާގައި ހުންނަ މައުމޫންގެ އޮފީހުގައި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ދެ ފުލުހަކު ގޮސް އަންގާފައި ވަނީ މައުމޫން ނޫން އެހެން މީހަކަށް އެ ރޭ އެ އޮފީހަށް ނުވަދެވޭނެ ކަމަށެވެ. އެހެންވެ، އެ ބައްދަލުވުން ހުއްޓުވި މައްސަލަ މައުމޫންގެ ފަރާތްޕުޅުން މީގެ ކުރިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
މައުމޫންގެ އޮފީހުން އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި ބުނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށާއި އެހެންވެ އެއްވެސް މުއައްސަސާއަކަށް އެ ކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ.
ބައްދަލުވުމަށް ފުލުހުން ހުރަސް އެޅި ނަމަވެސް، ޕާޓީގެ ރައީސަށް، އެ މަނިކުފާނުގެ އޮފީހުގައި އާއްމު މެމްބަރުންނާ ބައްދަލު ނުކުރެއްވެންވީ ސަބަބެއް ނޯންނާނެ ކަމަށާއި އެހެންވެ ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ ބަލައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.
ގާނޫނީ ބައެއް ވަކީލުން ވެސް ވިދާޅުވާ ގޮތުގައި ފުލުހުން އެ ރޭ އަމަލުކުރީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއީ، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކަމެއް ހުއްޓުވާ ނަމަ، ސަބަބު ބަޔާން ކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގައި އޮންނާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
އެ މާއްދާގައި ވަނީ، އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިއުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ހިންގުން ވަނީ މުސްތަޝާރާ ހަވާލުކޮށްފަ އެވެ. އެ ހުކުމާ އެކު، ޕީޕީއެމްގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަނީ ރައީސް ޔާމީންގެ ފެކްޝަނުންނެވެ.
މީގެ ކުރިން ވެސް، ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މައުމޫން ބާއްވަން އުޅުއްވި ޖަލްސާ އަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.