05 އެޕްރީލް 2023 - 10:11

އަލްޖީރިއާގެ މިސްކިތެއްގައި ތަރާވީހް ނަމާދުކުރަމުން ދަނިކޮށް މިސްކިތަށް ވަން ބުޅަލެއް އިމާމުގެ ކޮނޑަށް އަރައި އޮންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އިއްޔެ އާންމުވި މި ވީޑިއޯއާ ބެހޭ ތަފްސީލެއް އެނގޭކަށް ނެތެވެ. އަރަބި ބައެއް ވެބްސައިޓްތަކުގައި ވެސް މި ވީޑިއޯ ބެހޭ ގޮތުން ޚަބަރުތައް ލިޔެފައި ވިޔަސް ތަފްސީލެއް ނެތެވެ. އަދި މިއީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ގިނަ ބަޔަކު ބައިވެރިވި ޖަމާއަތުގައި އިމާމު މީހާގެ ކައިރީގައި ބުޅާ ހިނގަމުން ގޮސް ފައިގައި ކޭއްތި ތަންތަނަށް އަރައި ފުންމަމުން ގޮސް އެންމެ ފަހުން ފުންމާލަނީ އިމާމު މީހާގެ ވާތްފަރާތު ކޮނޑަށެވެ.
ހުދާއި މުށި ކުލައިގެ މި ބުޅާ ކޮނޑަށް އެރިޔަސް އިމާމަށް އެއްވެސް ސިހުމެއް ނުލިބި ނަމާދު ކުރިއަށް ގެންދިޔަ ގޮތާއި އަމަލުކުރި ގޮތަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ.
ބިންމަތީގައި އޮވެފައި ބުޅާ ފުރަތަމަ ފުންމައިގެން އަރަނީ ހަރަމް ބަނދެގެން ހުއްޓާ އަތަށެވެ. އެއާ އެކު އިމާމު ބުޅަލުގައި ފިރުމާލަ އެވެ. ދެން އަތް ތެރެއިން ދެމިގެން ގޮސް ބުޅާ އަރަނީ ކޮނޑަށެވެ. ބުޅާ ވެއްޓުނަ ނުދޭން އިމާމު އެއް އަތުން ބުޅަލުގައި ހިފަހައްޓާލަ އެވެ.
ބުޅާ އިމާމުގެ ކޮނޑަށް އަރައި ހަމަޖެހިލައިގެން އިށީނުމަށް ފަހު، ގުރުއާން ކިޔަވަމުން ދިޔަ އިމާމުގެ މޫނުގައި ދެތިން ފަހަރަކު މޫނު ކާއްތާލުމަށް ފަހު ފުންމާލައިގެން ދަނީ އެވެ.
ފަހަތުގައި ނަމާދަށް ތިބި ބައެއް މީހުންނަށް އެ މަންޒަރު ފެނި ބަލާތީ ވެސް ފެނެ އެވެ.
ބުޅަލުގެ އެ ހުރިހާ ސަކަރާތެއް ކުރިއަށް ދިޔައިރު ވެސް އިމާމުގެ ކިޔެވުމަށް ވެސް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ.