05 އެޕްރީލް 2023 - 00:24

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް 34 ދައުވާއެއް އިއްވައިފި އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާކުރާ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި، 2025 ވަނަ އަހަރު އަލުން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާ ޓްރަމްޕުގެ މައްޗަށް ވަނީ ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވާލައިގެން ހުށަހެޅުއްވުން ފަދަ އެތައް ދައުވާއެއް ކޮށްފަ އެވެ. ދައުވާތަކުގެ ތެރޭގައި ޓްރަމްޕް ރިޔާސީ ރޭހަށް ނުކުންނެވުމާ އެކު އޭނާއާ ދެކޮޅަށް ރޭޕްގެ ތުހުމަތުކުރި ޕޯން އެކްޓްރެސްއަކު އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިޔަ ނުދޭން 2016 ވަނަ އަހަރު ފައިސާ ދިން މައްސަލައެއް ވެސް ހިމެނެ އެވެ.
ޓްރަމްޕް ކޯޓަށް ހާޒިރުވުމުގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އޭނާ ކޯޓަށް ހާޒިރުވެވަޑައިގަތުމާ އެކު ހައްޔަރުކުރާނެ ކަމަށާއި އެމެރިކާގައި މިފަދަ ކަންކަން ވެސް މިހާރު ހިނގަނީ ކަމަށް ވިދާޅުވެފަ އެވެ.
ޖިނާއީ ދައުވާ ލިބޭ އެހެން މީހުންނެކޭ އެއްގޮތަށް ޓްރަމްޕް ވެސް ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ހައްޔަރުކުރި އެވެ. ހައްޔަރުކުރުމަށް ފަހު ފިންގަޕްރިންޓް ނަގާނެ އެވެ.
އުމުރުން 76 އަހަރުގެ ޓްރަމްޕް ހައްޔަރުކޮށް ނަގަންޖެހޭ މައުލޫމާތު ނެގުމަށް ފަހު ދޫކޮށްލުމުން އަންގާރަ ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޓްރަމްޕާ ދެކޮޅަށް ކުރާ ދައުވާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ވަކީލުން ވިދާޅުވި ގޮތުގައި ޕޯން އެކްޓެރެސް އަށް ގާނޫނީ ވަކީލެއް ކަމަށްވާ މައިކަލް ކޯހެން މެދުވެރިކޮށް 130،000 ޑޮލަރު ދީގެން ޓްރަމްޕާ ދެކޮޅު ވާހަކަތައް ހުއްޓުވިކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެ ފައިސާ ރެކޯޑްތަކުން ދައްކަނީ ގާނޫނީ ފީގެ ގޮތުގަ އެވެ. އަދި މިއީ ކެމްޕެއިންގެ ބޭނުމަށް ކުރި ހޭދައެއް ކަމަށް ވާތީ މިއީ ކެމްޕެއިނަށް ހޭދަކުރުމުގެ ގާނޫނީ ހިލާފް އަމަލެއް ކަމަށް ވަނީ ބަލައިފަ އެވެ.
ޓްރަމްޕުގެ ވަކީލުން ވަނީ ދައުވާތަކުގައި އަސްލެއް ނެތް ކަމަށް ބުނެ ދައުވާތައް ބާތިލްކުރުމަށް ހުށަހަޅަން ނިންމައިފަ އެވެ.