މާޒީ
މާޒީ

ފަތިހުގެ ރީތި ދޯދިތަކުން ދުނިޔެ އާ ދުވަހަކަށް ފުރުސަތު ދިނުމަށް ފަހު އޮރެންޖު ކުލައިގެ ދޯދިތަކުން އުދަރެސް ވަށާލައިފިއެވެ. ކަޅު އަނދިރިކަން ޖައްވުގެ ތެރެއަށް ގަދަ ކުރަމުންދިޔައީ ހުޅަނގު މޫސުމުގެ ބޯ ވިލާތަކާ އެކުގައެވެ. ދުވާލާއި ރޭގަނޑު ވެސް ނުނިގެން ނަތާޝާ ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލަ ހުއްޓެވެ. ހީވަނީ ކޮންމެ ވެސް މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ.

"ކާކު؟'' ނަތާޝާ ހީކުރީ ދޮރުގައި މީހަކު ޓަކިޖެހީ ކަމަށެވެ. ދޮރު ހުޅުވާލާ ބަލާލިއިރު މީހަކު ނެތެވެ.

ނަތާޝާއަށް ލިބުނީ ފަޅު ކަމެކެވެ. އޭނާ އާއި ބައްދަލު ކުރީ ދުނިޔެމަތީގައި ރަސްކަން ކުރަމުންދިޔަ ފަޅު އަނދިރިކަމެވެ. ވިއްސާރަ މޫސުމުގެ ތެތް ފިނިކަމެވެ. މާޔޫސްކަމާ އެކު އެނބުރި ކޮޓަރިއަށް ވަދެ ރޫޖެހިފައިވާ އޭނާގެ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ލޯ ދެން އަމާޒުވީ އެނދުގެ ހެޑު ބޯރޑުމަތީގައި ހުރި ގަޑިއަށެވެ. އެސްފިޔަ ޖެހުމެއްނެތި ގަޑިއަށް ބަލަމުން ދިޔައެވެ. އިންތިޒާރުގެ ވަގުތުތަކަށް ނިމުމެއް އާދޭތޯއެވެ.

މިއީ އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ އަލީ އާއި ވަސީމާގެ ހަމައެކަނި ދަރިފުޅު ނަތާޝާގެ މިހާރުގެ ހާލަތެވެ. ނިދި އޭނާއާ ވަނީ ރުޅި ވެފަ އެވެ. ކޮންމެ ރެއަކު ވެސް އޭނާ ނުނިދާ ވަގުތުތައް ހޭދަކުރަމުން ދަނީ އަނެއް ދުވަހުގެ އިރުއަރާނެ އިރަކަށެވެ. އަޑެއް އިވިއްޖެނަމަ ގޭދޮރު ހުޅުވާލާނެއެވެ. އިރު އަރައިފި ނަމަ ގަޑިއަށް ބެލުމުގައެވެ. ދުވާލު ވެއްޖެއްޔާއި އަބަދު އިންނާނީ ގޭ ފެންޑާގައި ހުރި އުނދޯލި ހެއްލުމުގައެވެ. ގޭ ދޮރާއި ދިމާއަށް ބެލުމުގައެވެ. ނޫނީ ކޮޓަރީގައެވެ. މީހަކާ ވާހަކަ ދެއްކުމެއް އޭނާގެ ހަނދާނަކު ނުވެއެވެ. އޭނާގެ މިކަން ކަނޑުވަން ނަތާޝާގެ ބޮޑުބެ ފިރާގު ވަރަށް ގިނަ މަސައްކަތް ކޮށްފިއެވެ. އެކިއެކި ޑޮކްޓަރުންނަށް ވެސް ދައްކައިފިއެވެ. ނަމަވެސް ކާމިޔާބުގެ ކޮޅުމަތި އަދި ވަނީ ފެންނާނެ ގޮތެއް ނުވެފައެވެ.

"ކާކު.." އަނެއްކާވެސް މީހަކު ދޮރުގައި މީހަކު ޓަކި ޖަހާލިހެން ހީވިއެވެ.

ނަތާޝާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ އޭނާ ދަންނަ މީހެއް ނޫނެވެ.

"މަންމަ ކޮބާ؟" ދޮރުމަތީ ހުރި ޒުވާން ނީލް ބުންޏެވެ.

ނީލް އަކީ އެ ރަށަށް އައިސް ހުރި ޒުވާން ޑޮކްޓަރެކެވެ. އޭނާގެ އާއިލާ އެ ރަށަށް އައީ ރަށުގައި އޭނާގެ ވަޒީފާގެ އިތުރުން ބައްޕަގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހަގީގަތަކީ މީ އޭނާ އެހާ އަންނަން ބޭނުންވާ ރަށެއް ނޫން ކަމެވެ. ކުޑައިރު އޭނާ ވެސް ނަތާޝާ އާ ވަނީ ދިމާވެފައެވެ. ނަތާޝާގެ ބޮޑުބޭބެގެ އާދޭހާ އެކު ނަތާޝާގެ މައުލޫމާތު ލިބިގެން ނަތާޝާ އަށް އެހީވާން އޭނާ އައެވެ.

ނަތާޝާ ހުރީ ނީލްއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ނީލް ކިޔާއެއްޗެއް އެނގޭހެނެއް ހިޔެއް ނުވެއެވެ.

ނީލް އަށް ނަތާޝާ މި ފެނުނީ 14 އަހަރު ފަހުންނެވެ. އެންމެ ފަހުން ނީލް އަށް ނަތާޝާ ފެނުނު އިރު ނަތާޝާ އަކީ ސަކަ މިޖާޒުގެ ވެރިއެކެވެ. އަނގަގަދަ ކުއްޖެކެވެ. އަބަދު ވެސް ހުންނާނީ ހެވިފައެވެ. ނަމަވެސް ނަތާޝާ އަށް އައިސްފައިވާ ބަދަލު ނީލް އަށް ވެސް ފާހަގަވިއެވެ. ނަތާޝާ އަށް ގޮވައިލުމުން ބަލައި ވެސް ނުލިއެވެ. އެ ދުވަހު ނަތާ އޭނާއަކަށް އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. ވާހަކައެއް ނުދައްކައެވެ.

ކުރިއެކޭ ވެސް އެއްގޮތަށް ނަތާ އިނީ ކޮޓަރީގައެވެ. އޭނާ ކޮޓަރީގެ ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. ހީވަނީ ސިކުނޑިގައި އެއްޗިހިތަކެއް ގިނަވެގެން އުޅޭ ހެންނެވެ. ދެތިންފަހަރަކު ބޮލުގައި ހިފައިގެން ހުރެ އިށީނދެއްޖެއެވެ. އަނެއްކާ ވެސް ތެދުވެއެވެ.

"ކާކު.." ސިއްސައިގެން ގޮސް ނަތާއަށް ބުނެވުނެވެ.

ދޮރުމަތީ ހުރީ ނީލްއެވެ. އޭނާގެ އަތުގައި މަލެއް ވެސް އޮތެވެ. ނަތާ ބުދެއްހެން ނީލްއަށް ބަލަން ހުރީއެވެ. ދެން މޫނު މައްޗަށް ދޮރު ލެއްޕީއެވެ.

"ކާކު.." ސިހިފާ ނަތާޝާ ބުންޏެވެ. ޖެހިގެން އައި ދުވަހު ނީލް ބޭނުންވި ގޮތަށް ނަތާޝާ އުނދޯލީގައި އިންދައި ނަތާޝާ ސިއްސުވާލިއެވެ.

ނަތާޝާއަށް ނޭނގި ނަމަވެސް އޭނާގެ ހަމަހިމޭން ކަމާއި ކުޅެލި ފަރާތާއި ދިމާއަށް ނުރުހުމުގެ ނަޒަރެއް ހިންގައި ލެވުނެވެ. ވަގުތުގެ ބޭނުން ހިފައި ނީލް ނަތާޝާ އާ ދިމާއަށް އެއްލޯ މަރާލިއެވެ. އަދި ހަމަ މަލެއް ދިއްކޮށްލިއެވެ. ނަތާޝާ އިސްޖަހާލިއެވެ. އިތުރަށް ނީލް އާއި ދިމާއަށް ބަލައި ވެސް ނުލިއެވެ.

"އޯކޭ.. ދަނީ" ނީލް ދަމުން ބުނެލިއެވެ.

ނީލްގެ މިފަދަ ކުދިކުދި އުނދަގޫތަކުން ދުވަހަކަށް ވުރެ ދުވަހެއް ނަތާޝާ މީހުންނަށް ދޭ ސަމާލުކަން މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. މަދުމަދުން ނަމަވެސް މިހާރު ބޮޑުބޭބެ އާ ވާހަކަ ދައްކައި ހަދައެވެ. އަދި ނީލްގެ ޝަކުވާ ބޮޑުބޭބެ އާ ކުރިއެވެ. ބޮޑުބޭބެ ނަތާޝާ އާއި އެއްބައި ވެލައި ނީލް އާއި ދިމާއަށް ނުރުހުމުގެ ބަސް ބުނެލިއެވެ.

"އަހަރެންނަށް އެހެން ނުހެދުނު ނަމަ..." ނީލްގެ ކޮޑުގައި ބޯ އަޅާލައިގެން އޮވެ ނަތާޝާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.

ފުރަތަމަ ފަހަރަށް ނަތާޝާގެ އިހުސާސްތައް އޭނާ ނީލްއަށް ހާމަކުރިއެވެ. އޭނާ ނީލްއަށް އިތުބާރު ކުރިއެވެ.

ނަތާޝާގެ ހަނދާންތައް އާލާވާ ކޮންމެ ފަހަރަކު އޭނާއަށް ގިސްލަ ގިސްލާފައި ރޮވެއެވެ.

"ކަމެއް ހިނގުމަކީ ދެން އެކަމާ ވިސްނާ ހިތާމަ ކުރަންވީ ކަމެއް ނޫން... ފަހަރެއްގައި ނަތާ މަށަށް ކިޔައިދިނީމާ އެކަމުގައި ނަތާގެ ކުށެއް ނެތްކަން ވެސް އެނގިދާނެތާ." ނީލް ބޭނުންވީ ނަތާޝާ ފޮރުވާފައިވާ ވާހަކަތައް ނެރޭށެވެ.

“އެ ދުވަހު މައިންބަފައިންނަށް އެހީތެރިކަން ފޯރު ކޮށްދެވުނު ނަމަ..." ނަތާޝާ އަނެއްކާ ވެސް ބުންޏެވެ.

"ހަލޯ.. ކީކޭ." ނީލްއަށް މުހިއްމު ފޯނެއް އައީ އެ ވަގުތެވެ. އޭނާ ތެދުވެގެން ދިޔައީއެވެ.

ފަހުން އަންނާނަމޭ ބުނެ ނީލް ދިއުމުން ނަތާ ގެއަށް ވަނެވެ. މާދަމާއަކީ ނީލްގެ އުފަން ދުވަސްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރާނެ މޮޅު ރޭވުމެއް ރޭވުމުގައި އޭނާ އަވަދިނެތި އުޅުނެވެ.

"އުފާވެރި އުފަން ދުވަހަކަށް އެދެން." ނީލް ގެއަށް ވަނުމުން އޭނާއަށް މަރުހަބާ ކީ އޭނާގެ އަނބީމީހާ ރީމާއެވެ. ރީމާކީ ނީލް ކިޔަވަން އުޅުނުއިރު ދިމާވި އޭލެވެލް ހެދި ކުއްޖެކެވެ. ނީލް ކިޔެވުމުގެ މެދު ތެރެއިން ރީމާއާ ކައިވެނި ކުރިއެވެ.

"ޝުކުރިއްޔާ.. ނަތާ،" ނީލް ރީމާގެ ނިތްކުރިއަށް ދޮނެއް ދިނެވެ.

"ނަތާއޭ... ނަތާޝާ ރަނގަޅު ކުރަމުން ކުރަމުން ގޮސް އަހަރެން މަތީން ވެސް ހަނދާން ނެތުނީދޯ." ރީމާ ރުޅިއައެވެ.

"އެއީ ކިހިނެއް ވާނެ ކަމެއް. ބަލިމީހުން ބަލާ ޑޮކްޓަރު ވެސް ބައެއްފަހަރު ބޯ ގޮވައިފާނެ." ނީލް ހިނިތުންވެލިއެވެ.

ނަތާ ވަރަށް ރަނގަޅަށް ގޭތެރެ ޒީނަތްތެރި ކުރިއެވެ. އޭނާގެ އަތުގައި އޮތް އެންމެ ރީތި ހެދުން ލައި، މޭކަޕު ކޮށްލިއެވެ. މިވީ ދުވަސްތަކުގައި މިއީ އޭނާ ކުރިކަމެއް ނޫނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ހިތުގެ އެދުން ހާމަ ކުރަން ބޭނުންވާ މީހާއަށެވެ.

"ކާކު.." ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވާލާފައި ނަތާޝާ ބުނެލިއެވެ.

"ނީލް.."ނީލް އެތެރެއަށް ވަންނަމުން ބުންޏެވެ.

"އުފާވެރި އުފަން ދުވަހަކަށް އެދެން.." ގޭތެރެއަށް ވަނުމަށް ނަތާގެ އަތުން އިޝާރާތްކޮށްލިއެވެ.

އޭނާ މޫނުމަތީގައިވަނީ އުފާވެރި ކަމެވެ. އޭނާ މިއަދު ފެންނަނީ މާ ބޮޑަށް ވެސް ރީތިވެފައިވާ ތަނެވެ. ނީލްއަށް އިރުކޮޅަކު ނަތާއަށް ބަލަން ހުރެވުނެވެ. ނަތާ އައިސް ނީލްއަށް ހަދިޔާ ދިއްކޮށްލިއެވެ. ނީލް ހައިރާންކަމާ އެކު އެ ހަދިޔާ ކަނޑާލިއެވެ. ރީތި ގަޑިއަކާއި ގަލަމެކެވެ. ނަތާގެ ނަޒަރު އިރުކޮޅަކަށް ވެސް ނީލްއަކާ ދުރަކަށް ނުދެއެވެ. ކޭކު ފަޅާ ކައި ހަދައިގެން ނަތާ ވަނީ ކޮޓަރިއަށެވެ.

"އާދޭ. މިއަދު އަހަރެން ހުރިހާ ވާހަކައެއް ކިޔައިދެން ބޭނުން." ނަތާ ނީލްއަށް ދައުވަތު ދިނެވެ. ފަހަތުން ނީލް ދިޔައީ އެއީ އޭނާގެ ވާޖިބު ކަމަށްވާ ބަލިމީހާއަށް ފަރުވާ ކުރާށެވެ.

ނަތާޝާ އެނދުގައި އިށީނެވެ. އޭނާގެ ވާހަކަ ފެށިއެވެ. އެއީ މީގެ ފަސް މަސް ކުރިއެވެ.

މަތީ ސާނަވީ ނިންމާ ރަންވަނަތަކަކާ އެކު ނަތާޝާ ރަށަށް އައީ އާއިލާ ފަޚުރުވެރި ކުރުވައިފައެވެ. ރާއްޖޭން ބޭރުން ކޮލެޖަކުން އޭނާ ވަނީ ކިޔެވުމުގެ ފުރުސަތު ވެސް ހޯދައިފައެވެ. އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ތައް ތެދު ހަގީގަތަކަށް ހެދުމަށްޓަކައެވެ. ބަޔޯޓެކުނޮލޮޖީއިން ކުރިއަށް ދިއުމުގެ ފޮނިހުވަފެންތަކެވެ.

ނަތާޝާގެ މި ނިންމުމާ ގަބޫލުވެ އޭނާއާ އެކު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރަން ނަތާޝާގެ މައިންބަފައިން ވެސް ވަނީ ނިންމައިފައެވެ. މިކަމުގެ ތައްޔާރީތައް ވަރަށް ހަލުވިކަމާ އެކު އެ މީހުން ވަނީ ކުރަން ފަށައިފައެވެ. ހުރިހާ ކަމެއް ހަމަޖެހުމުން ނަތާޝާ، ބޭނުންވީ އާއިލާއާ އެކު ދަތުރެއް ދިއުމަށެވެ. އާއިލާއާއެކު އޭނާގެ ކުލާސް ކުއްޖެއް ކަމަށްވާ ނިހާއާއެކު އައްޑޫ ހިތަދޫގައި ދުވަސްކޮޅެއް ހޭދަކުރާށެވެ. މި ދުވަސްކޮޅު ބައްޕައަށް ދަތިވާނެ ވާހަކަ ބުނުމުން ވެސް އޭނާ އެކަން ކުރުނުކޮށް މަންމަ އާއި ބައްޕައާ އެކު ފުރީއެވެ.

އައްޑޫ ލިންކު ރޯޑުގައި ކާރު ދުއްވާފައި ދިޔައީ ބާރަކަށް ނޫނެވެ. ނިހާމެން ގެއަށް އަވަހަށް ދިއުމަށް އޭނާ ހުރީ ކެތް މަދުވެފައެވެ. ބައްޕަ ގާތު ތަންކޮޅެއް ބާރަށް ދުއްވަން އަބަދުވެސް ކިޔަމުން ދިޔައީ ނަތާޝާއެވެ. ބައްޕަ ރައްޓެއްސެއްގެ ކާރެއް ލިބިފައި އޮތުމުން ކާރު ދުއްވަން އިނީ ބައްޕަ ކަމަށް ވީތީއެވެ.

ކުއްލިއަކަށް އެމީހުން ތިބި ކާރު ފަހަތުން ދުއްވަމުން އައި ޕިކަޕެއް ކޮންޓުރޯލުން ނުކުރެވިގެން ގޮސް އެ ކާރުގައި ޖެހުނީއެވެ. އެ ކާރު ވެސް ދުއްވާފައި ދިޔަލެއް ބާރުކަމުން ވިއްސައިގެން ގޮސް ހޮޅި ދަނޑިއެއްގައި ޖެހި ޕިކަޕުގެ ކުރިމައްޗަށް ވެއްޓުނެވެ. ފަހަތު ޝީޓުގައި އިން ނަތާޝާއަކަށް މާބޮޑު އަނިޔާއެއް ނުލިބުނަސް ބޮލަށް ކޮންމެވެސް އަނިޔާއެއް ވިއެވެ. އޭނާ ބޮލުގައި އަތް އަޅައިގެންހުރެ ދަތިގޮތަކަށް ކާރުން ފޭބިއެވެ.

އޭރު ކާރުގެ ކުރީބައި އޮތީ ފިތިފައެވެ. ބައްޕަ އާއި މަންމަ އޮތީ ކާރުގެ ކުރީ ސީޓުގައި ކަމުން އެ މީހުން ނެރެވޭތޯ އޭނާ އުޅުނެވެ. ނަމަވެސް ޕިކަޕަކީ ޕެޓްރޯލް ބަރުކޮށްފައި ހުރި އެއްޗެއްކަމުން ދޭތި ޖެހުނުތާ މާގިނައިރެއް ނުވަނީސް އަލިފާން ރޯވީއެވެ. ނަތާޝާއަށް ދުރަށް ނުޖެހެވުނު ނަމަ އޭނާ ވެސް އަނދައި ހުލިވީހެވެ.

"ނަތާގެ މައްސަލައެއް ނެތް." ނީލް މަޑުމަޑުން ބުނެލިއެވެ.

އޭރު ނަތާޝާއަށް ބާރުބާރަށް ރޮވެނީއެވެ. ހާދިސާ ހިނގައިދިޔަ ފަހުން އޭނާ އެ ވާހަކަ އަދި އަލަށް ވެސް މި ހިއްސާ ކުރީ ނީލްއާއެވެ. އޭނާ ނީލްއަށް ވަރަށް އިތުބާރު ކުރެއެވެ.

"ނީލް ނައި ނަމަ އަހަރެން ދުނިޔެއިން މޮޔަވީސްކަން ޔަގީން. އަހަރެން ނީލް ދެކެ ވަރަށް ލޯބިވޭ." ނަތާޝާ ނީލްގެ އަތުގައި ހިފާލިއެވެ.

ނީލް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނާ އައީ ނަތާ ރަނގަޅު ކުރާށެވެ. އެކަން ކާމިޔާބު ވެސް ވެއްޖެއެވެ. އެކަމަކު އޭނާއަށް ނަތާގެ ލޯބިވެރިޔާއަށް ވެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އަނތްބަކު އެބަހުއްޓެވެ. އޭނާ އިނީ ވިހަން ތައްޔާރު ވެފައެވެ.

"ކީއްވެ އެއްޗެއް ނުބުނީ.. ނީލް ލޯބި ނުވަނީތަ؟" ނަތާ މަޑުމަޑުން ބުނެލިއެވެ.

އޭނާ ނީލްގެ ގަޔާ ކައިރިވެލިއެވެ. އަދި ނީލްގެ ހިމާޔަތަށް އެދޭ ވާހަކަ ވެސް ބުނެފިއެވެ. ނީލްއަކަށް ނަތާއަކާއި ދުރަކަށް ނުދެވުނެވެ. އޭނާއަށް ނަތާ ނުހަނު ލޯތްބެވެ. އެހާމެ ރީއްޗެވެ. އެކަމަކު މިއީ ރަނގަޅު ގޮތެއް ނޫންކަން އޭނާއަށް އެނގެއެވެ.

ނީލް ވަރަށް ހިތްވަރުކޮށްފައި ނިކުމެގެން ދިޔައީއެވެ. ނަމަވެސް އޭނާ ވަނީ ހާސްވެފައެވެ. ކަންބޮޑުވެ ގޮތް ހުސްވެފައެވެ. ނަތާ އެންމެ ކުޑައިރު ފެނުނުއިރުވެސް އެދެމީހުންގެ ޚާއްސަ ގުޅުމެއް އުފެދުނެވެ. ފަހުން ފެނުނު އިރުވެސް ނަތާއާއިމެދު އޭނާގެ އޮތް އިހުސާސެއް ބަދަލެއް ނުވިއެވެ. ހަނދާން ނައްތާލަން އުޅުނު ލޯބިވެރިޔާގެ ފަރާތުން ހިތަށް ލިބުނު ޒަޚަމުތައް އިތުރަށް އާލާވިއެވެ. މިހާރު އޭނާގެ ހިތުގައި އަބަދުވެސް ރަސްކަން ކުރަމުން ދަނީ ނަތާއެވެ. އޭނާގެ ހަނދާންތަކުން ގޭގައި ހުންނައިރުވެސް ހިނިތުންވެވެއެވެ.

"ކީއްވެ އެއްޗެއް ނުބުނީ." ނީލްގެ ހަމަހިމޭންކަން އިހުސާސް ވުމުން ނަތާ ބިރުގަތެވެ.

"ނަތާ އަކީ ވަރަށް ލޯބި ކުއްޖެއް." ނީލް ނަތާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލަމުން ބުންޏެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ނިކުތީއެވެ. އަނެއްކާވެސް ޒަހަމުވެފައިވާ ހިތް އިތުރަށް ޒަހަމު ކޮށްލައިފައެވެ.

ނީލް ގެއަށް ދިޔައިރު ގޭގައި ވަނީ ކަނު އަނދިރިކަމެވެ. ކަރަންޓް ކެނޑުމަކީ އެ ގޭގައި ވަރަށް ދިމާވާ ކަމެކެވެ. ކޮންމެ ފަހަރަކު ޖެހޭނީ ކަރަންޓް ބޯޑު ކައިރިއަށް ގޮސް ވެއްޓިފައިވާ ސުވިޗް އޮން ކުރާށެވެ.

"ކާކު؟ ކަރަންޓު ބޯޑު ކައިރިއަށް ދިޔައީ'' ރީމާ ބިރުންހުރެ ބުންޏެވެ.

"އަހަރެން... މި ސުވިޗް އޮން ކޮށްލައިގެން ގެއަށް އަލިކަން ގެނެވިދާނެ. އެކަމަކު ނިވެމުންދާ ހަޔާތަކަށް އަލިކަމެއް ދޭން އަހަރެންވަނީ ނުކުޅެދިފައި." ނީލްގެ ލޮލުގައި ވަނީ ކަރުނައެވެ.

"ވެގެން އުޅޭ ގޮތެއް ބުނެބަލަ ނީލް." ރީމާއަށް ކުރިން ވެސް ކުރެވެމުން ދާ އިހުސާސް ހަގީގަތަކަށް ވާންއުޅޭ ކަމުގެ އިހުސާސެއް ކުރެވުނެވެ.

"ނަތާ އަހަރެންނަށް ލޯބި ހުށަހަޅައިފި. އޭނާ ބޮޑުބޭބެ ފިޔަވައި މި ދުނިޔޭގައި އޭނާއަށް އެހީވާނެ އެކަކު ވެސް ނެތް. އަހަރެން އޭނާއާ ދުރުވެއްޖެ ނަމަ ވާނެ ގޮތެއް ވެސް ނޭނގެ." ނީލް މިހެން ބުނީ ރީމާގެ އަތުގައި ހިފައިގެން ހުރެއެވެ.

"ތީ.. ކުރިން ވެސް ނީލް ބޭނުންވި ގޮތް. އަހަންނަށް އެނގޭ ނީލް އޭނާ ދެކެ ލޯބި ވާކަން. ތީ ނީލްގެ ކުޑައިރުގެ ވެސް ލޯބި.. ނީލް ފަގީރަކަށް ވީމަ ނަތާގެ ބައްޕަ ތި ދެ މީހުންގެ ކައިވެންޏަށް ދެކޮޅު ހެދީ. ނީލް ކިޔަވާ މޮޅު މީހަކަށްވީ ނަތާއަށް ދައްކަން. ނީލް އެކަން ކޮށްފި. ދެން ކީއްވެ އަހަންނާ އިނީ." ރީމާއަށް ރޮވެން ފެށުނެވެ.

"ރީމާ ނުރުހޭ ނަމަ އަހަރެން އެކަމެއް ނުކުރާނަން. ތައްޔާރުވޭ މާލެ ބަދަލުވާން." ނީލް ރީމާ ގެނެސް ގަޔާލާ ބޮޑިކޮށްލިއެވެ.

"ނަތާޝާ ހަނދާން ނައްތާލާ. އެއީ ނީލްގެ މާޒީ. ނީލްގެ މިހާރަކީ އަހަރެންނާއި މި ކުޑަކުޑަ ދަރިފުޅު." ރީމާ ކަރުނަ ފޮހެލިއެވެ. ނީލް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"އެބަ އަންނަން." ރީމާ ގަންނަން ހުރި ބައެއް ސާމާނު އެބަހުއްޓޭ ބުނެ ބޭރަށް ނިކުތެވެ.

ރީމާ އަންނަންދެން ނީލް އިނީ ސިޓިން ރޫމުގައެވެ. އޭނާ ގެނައި ސާމާނު ހިފައިގެން ނީލްއަށް ބަލައި ވެސް ނުލާ ވަނީ ކޮޓަރިއަށެވެ. ރީމާ ކޮޓަރީގައި އޮތްއިރު ނީލް އިނީ ސިޓިންރޫމުގެ ސޯފާގައެވެ. އެ ދެ ހިތުގެ ކެކުޅުން އެކަކު އަނެކަކަށް ނޭނގެއެވެ. އޭނާ އެންމެ ބޭނުންވި ދުވަހު ނަތާއެއް ނުލިބުނެވެ. އެ ދުވަހު އޭނާއަށް ނަތާގެ އާއިލާއިން ކުރީ މަލާމާތާއި ފުރައްސާރައެވެ. ނީލްއަކީ ފަގީރަކަށް ވީމައެވެ. ބައްޕަގެ ކަންމަތީ ވިޔަފާރިން ލިބޭ އާމްދަނީން ގޭގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން ގިނަ ކުދިންތަކެއް ބަލަން ޖެހިފައިވި ބައްޕަގެ ގިނަ ކުދިން ނުކިޔަވާ ހުރުމުންނެވެ. އެ މީހުން ނަތާ މާލެ ފޮނުވާލިއެވެ. ނަތާ އާއި ނީލްގެ ގުޅުން ހުއްޓުވަން މަޖުބޫރު ކުރުވިއެވެ. އެހެން ނަމަވެސް ނީލްގެ ހިތުގައި ނަތާއަކީ އޭނާގެ ރާނީއެވެ. ފުރަތަމަ ލޯތްބެވެ.

މިއަދު އެ ބޮޑާކަމާއި ކިބުރުވެރި ކަމެއް ނެތެވެ. އެ އަނިޔާ ދިން މީހުން އަނިޔާވެރި ގޮތަކަށް ދުނިޔެ ދޫކުރީއެވެ. އޭގެ ޝިކާރައަކަށް ވެފައި ވަނީ އޭނާ އެންމެ ލޯބިވާ އިންސާނާއެވެ. ނަތާ އަށް އެހީ ނުވެވިއްޖެ ނަމަ ނަތާ ދުނިޔެ އުމުރަށް ބަލި މީހަކަށް ވާނެކަން އޭނާއަށް އެނގެއެވެ. އެކަމަކު ރީމާ ދޫކޮށްލާނީ ކިހިނެއްހެއްޔެވެ؟ އެއީ އޭނާ އެންމެ ދަތިވަގުތު އެހީތެރިވެދިން ބައިވެރިޔާއެވެ.

"ކާކު.." ކުއްލިއަކަށް މީހަކު ދޮރުގައި ވަރަށް ބާރަށް ޓަކި ޖަހާލުމުން ނީލް ދޮރު ހުޅުވަމުން ގޮވާލިއެވެ.

"އަހަރެން.. ނަތާއަށް ގޮތެއް ވެއްޖެ. ހީވަނީ ފިޓު ޖެހެނީހެން." ނަތާޝާގެ ބޮޑުބޭބެ ރޮމުން ކަލަހަ ގޮތަކަށް ބުންޏެވެ. ކޮޓަރިން ނިކުމެގެން ހުރި ރީމް ނީލްއަށް ބަލަހައްޓައިގެން ހުއްޓެވެ. ނީލްއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ.

"އަވަހަށް އާދޭ.. އޭނާ ފުރާނަ ހިނގައިދާނެ.." ބޮޑުބޭބެ ނީލްގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ބުންޏެވެ.

ނީލް ދުވެފައި ކަހަލަ ގޮތަކަށް ނަތާޝާމެންގެ ގެއަށް ވަނެވެ. ނަތާޝާއަށް އޮތީ ފިޓު ޖެހިފައެވެ. އަނގައިން ފޮނުތަކެއް ފައިބަމުން ދިޔައެވެ. ނީލް އަވަސް އަވަހަށް އެ ވަގުތަށް ބޭނުންވާނޭ ފަރުވާ ނަތާއަށް ދިނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ތަނުން އޭނާއަށް އިތުރު ފަރުވާ ދިނެވެ.

"ނީލް.. އަހަންނަށް މާފުކުރޭ. އަހަރެންނަށް ހީކުރެވުނީ ނީލް އަހަރެން ދެކެ އަދިވެސް ލޯބި ވާނެކަމަށް. ނީލް ކައިވެނި ކޮށްގެން އުޅޭކަން އެނގުނީ އަންހެނުން ބުނީމަ." ނަތާޝާ ދެރަވެލާފައި ބުންޏެވެ.

"ރީމާއާއި ދިމާވީ ކޮންއިރަކު؟ ނީލްގެ އުފަންދުވަހު އޭނާ އައި. އަދި ތި ދިރިއުޅުމުން އަހަރެން ދިއުމަށް އެދުނު." ނަތާ އޮޅުންފިލުވައިދިނެވެ.

ރީމާ އެ ރޭ ފިހާރަށް ގޮސްފައި ނަތާޝާ ގާތަށް ދިޔައީތާއެވެ. އެކަމަކު ރީމާގެ އެ ނުރައްކާ އަމަލުން ނަތާއަށް ދިމާވި ދެރަގޮތް ނީލް ހިތަށް އެރުމުން ވަރަށް އަސަރުކުރިއެވެ. ބޮޑު ޝޮކެއްގައި ގިނަ ދުވަސްތަކެއް ވޭތުކުރަމުންދިޔަ މީހަކު ރަނގަޅުވަނިކޮށް ރީމް މިކުރީ ވަރަށް ދެރަ ކަމެއްކަން އޭނާއަށް އިހުސާސް ވުމުން ރުޅި އާދެވުނެވެ.

"މާފުކުރޭ ނީލް.. އަހަރެން ތަންކޮޅެއް އަމިއްލަ އެދުން ބޮޑުވީ. އަހަންނަށް އެނގޭ ނަތާއަށް މިހެން މި ދިމާވީ އަހަރެންގެ ސަބަބުންކަން." ރީމާ ހޮސްޕިޓަލަށް އައިސް ނީލްގެ ގާތުގައި ބުންޏެވެ.

ނީލްއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ރީމްދެކެ ރުޅިއެއް ވެސް ނާދެވުނެވެ. އެއީ އޭނާގެ އަލަތު ދަރިއަށް ވިހަން ތައްޔާރުވެފައި އިން އޭނާގެ އަނބިމީހާއެވެ. ނީލް އިސްޖަހާލީއެވެ.

"ނީލް ނަތާ ދެކެ ލޯބިވާކަން އަހަންނަށް އެނގޭ. އެކަން އިހުސާސް ވެސް ކުރެވޭ. އަހަރެންނަށް ތި އޯގާތެރިކަމާއި އިހުތިރާމް ދެވޭނެ ނަމަ ނަތާއާ ދެ އަންބަތް އިންނާކަށް އަހަރެން ހުރަހެއް ނެތް. ނަތާގެ ބަލިން ސަލާމަތް ކުރަން އަހަރެން ވެސް އެހީވާނަން." ރީމާ ނީލްގެ އަތުގައި ހިފާލިއެވެ.

ނީލް ރީމާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އަދި އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ރީމާވެސް ނީލްގެ ލޮލުން އައި ކަރުނަތައް ފޮހެލައިދިނެވެ.

ނީލް ކައިވެންޏަށް ފަހު ނަތާޝާ އާ އެކު މެލޭޝިއާއަށް ހަނީމޫނަށް ފުރިއެވެ. ނަތާޝާގެ ކިޔެވުމަށްޓަކައި މެލޭޝިޔާގެ ޔުނިވާސިޓީއަކަށް ވަނެވެ. މެލޭޝިޔާއިން ނަތާޝާއަށް ލިބެންޖެހޭ އެންމެ ރަނގަޅު ފަރުވާތައް ލިބުނެވެ. ކިޔެވުން ފެށި، ދެތިން މަސްވުމުން ނީލް ފުރައިގެން އައީ ދޭތެރެ ދޭތެރެއިން އައުމަށް ވައުދު ވެފައެވެ. ދުރުގައި ވިޔަސް ދެ މީހުން އަބަދުވެސް އެކުގައިވާނޭ ކަމުގައި ބުނަމުންނެވެ.

ފަސް އަހަރު ފާއިތުވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ނަމަވެސް އެ ދެ މީހުންގެ ލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ފާއިތުވެ ދިޔަ ކޮންމެ ދުވަހެއް ވެގެންދިޔައީ އެ ދެ މީހުންގެ ދެމެދުގައިވާ ލޯބި އިތުރުވެގެން ދިޔަ ދުވަހަކަށެވެ. މިހާރު ނަތާޝާ އާއި ރީމާއަކީ ނީލްގެ ވިޔަފާރީގެ ތަނބުންނެވެ. ނީލްގެ ފަސްކުދިންގެ މަންމައިންނެވެ.

ނިމުނީ