ކުޑަކުއްޖަކާ ބެހުނު ކަމަށް ބެލެވޭ ބިދޭސީއަކު ހޯދަން ދެ އަހަރު ފަހުން އިއުލާންކޮށްފި
ކުޑަކުއްޖަކާ ބެހުނު ކަމަށް ބެލެވޭ ބިދޭސީއަކު ހޯދަން ދެ އަހަރު ފަހުން އިއުލާންކޮށްފި

ފ. ނިލަންދޫގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 17 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ނިލަންދޫ ޕޮލިސް ސްޓޭޝަނަށް އެ މައްސަލަ ހުށަހެޅީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އޭރުއްސުރެ ކުރަމުން އައި ނަމަވެސް، އެ މީހާގެ ފޮޓޯ އާއްމުކޮށް، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ މިއަދު އެވެ.

ފުލުސް އޮފީހުން ބުނީ މި މައްސަލައިގައި ހޯދަމުން ދަނީ މުހައްމަދު ރުބެލް ކިޔާ އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު ކަމަށެވެ.

ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ އޮފިޝަލަކު މިރޭ ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައި ވިޔަސް، އެ މީހާގެ މައުލޫމާތާއި ފޮޓޯ އާއްމުކުރުން ލަސްވީ އޭނާގެ ސާފު ފޮޓޯއެއް ނުލިގެނެް ކަމަށެވެ. އަދި ހޯދި މައުލޫމާތުތަކުން އެ މީހާ އަދިވެސް ރާއްޖޭގައި އުޅޭކަން އެނގުމުން، ފޮޓޯ ލިބުނުހާ އަވަހަކަށް އާއްމުކުރީ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.