22 ޖެނުއަރީ 2017 - 17:39

ފުލުހުން ބަންދުކުރާ މާލޭގެ މަގުތަކާ ބެހޭ މައުލޫމާތު، ހައުސިން މިނިސްޓްރީގެ "ފަސޭހަ މަގު" އެޕްލިކޭޝަނުން ބެލޭނެ ގޮތް ހަދައިފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފުލުހުންނާ ގުޅިގެން މި އެޕް ހިންގުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ސޮއިކުރެއްވިއިރު، ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
ސައުދީ ވިދާޅުވި ގޮތުގައި މި އެޕް ބޭނުންކޮށްގެން މަގުތަކުގެ ހާލަތު ބެލޭއިރު، ދަތުރުފަތުރުކުރާ މީހުންނާއި އެހެނިހެން ބޭނުންތަކަށް މަގުތައް ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
"މިހާރު އާއްމުންނަށް [އެނގޭނެ] ކީއްވެގެންކަން މަގު ބަންދުވަނީ. ގެ އިން ނިކުމެގެން އެ ދާ ތަނަކަށް މަގުން ދާއިރު އެނގޭނެ ކޮން މަގުތަކެއްކަން ބަންދުކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މިނިސްޓްރީގެ އެޕަކީ ޓްރެފިކާ ވަރަށް ބޮޑަށް ގުޅިފައިވާ އެޕެއް ކަމަށެވެ. ފުލުހުން ބަންދުކުރާ މަގުތަކުގެ މައުލޫމާތުގެ އިތުރުން އެކަމާ ގުޅޭ ގޮތުން ފުލުހުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެޕަކީ ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި ހިދުމަތްތަކާ ގުޅިގެން އާއްމުންގެ ހިޔާލާއި ޝަކުވާ ހުށަހަޅަން ތައާރަފް ކުރި އެޕެކެވެ. އަދި މި އެޕްގައި ހައުސިން މިނިސްޓްރީގެ އެކިއެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތުތަކާއި މަގުތައް ބަންދުވާނެ ގަޑިތަކާއި މަގުތަކާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މަގުމައްޗާ ގުޅޭ ކަންކަމުގެ މައުލޫމާތުގެ އިތުރަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން މިނިސްޓްރީން ހިންގަމުން އަންނަ މަޝްރޫއުތަކާއި މިހާތަނަށް ނިންމާފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު އެޕްގެ ޕްރޮޖެކްޓް ސެކްޝަނުން ލިބެން ހުރެ އެވެ.