04 އެޕްރީލް 2023 - 12:59

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ހަރުކުރަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕެސިފިކޭޝަން ދޭން އެދުމުން އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ. ނަމަވެސް، މި ލައިޓްތަކުގެ ސަބަބުން އާންމުންގެ ޕްރައިވެސީ އަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ ކައުންސިލުން ދިނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "މިހާރު" އިން މާލޭ ސިޓީ ކައުންސިލްގައި އެދުނީ ޗައިނާގެ ޔުނާން ޕްރޮވިންސުން ހަދިޔާކޮށްގެން މާލޭގައި އެންމެ ފަހުން ޖެހި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕެސިފިކޭޝަން ދިނުމަށެވެ.

މި ލައިޓްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެކްސެސް ދިވެހި ފުލުހުންނަށް ދީފައި ވޭތޯ އާއި މާސް ސަވައިލެންސް ގޮތަށް ގިނަ އަދަދެއްގެ ކެމެރާ ބަހައްޓައިގެން މާލެ ތެރެ ބެލެހެއްޓުމަށް ސިޓީ ކައުންސިލްގައި އެއްވެސް އުސޫލެއް ހަދާފައި އޮތް ނަމަ އެ އުސޫލު ހާމަކޮށްދިނުމަށް ވެސް ސިޓީގައި އެދިފައި ވާނެ އެވެ.
ހޯދަން އެދުނު އިތުރު މައުލޫމާތުތަކަކީ؛
• ވައިފައި ވެސް ލިބޭ ގޮތަށް ހުރި މި ލައިޓްތަކުން އާންމުންގެ ޕްރައިވެސީ އާއި ރައްކާތެރިކަން ނުގެއްލޭނެކަން ކަށަވަރުކޮށްފައި ވަނީ ކިހިނެއް ކަން.
• މީގެ ކިތައް ލައިޓް ހަރުކުރަން ނިންމާފައި ވޭތޯ އަދި ހަރުކުރާނީ ކޮން ތަންތަނެއްގައި ކަން.
• މި ލައިޓްތަކަށް ސިޓީ ކައުންސިލް ނޫން އެހެން ބަޔަކަށް ރިމޯޓްކޮށް އެކްސެސް ނުވެވޭނެކަން ކަށަވަރުކޮށްދިނުން.
• މި ލައިޓްތަކަކީ އާންމުކޮށް ބާޒާރުން ލިބެން ހުންނަ އެއްޗެއް ނަމަ، އޭގެ ބްރޭންޑް/މޮޑެލް ނަންބަރު ދިނުމަށް.
ނަމަވެސް މީގެ ގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ސޮއިކުރައްވައި މިއަދު ފޮނުއްވި ޖަވާބުގައި ވަނީ ސްމާޓް ލައިޓްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އެކްސެސް އޮންނާނީ އެ ކައުންސިލަށް އެކަނި ކަމަށެވެ. އަދި އެއީ ވަކި އުސޫލަކުން ހިނގާ ކަމަކަށް ވުރެ ބޮޑަށް، އާންމުންގެ ރައްކާތެރިކަން ހޯދައިދޭން ކުރާ ކަމެއް ކަމަށް ބުންޏެވެ.
"...ވައްކަމާއި މަގުމަތީގައި ހިނގާ ބޮޑެތި ކަންކަން ބަލައި، ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމުގެ ބޭނުމުގައި ކުރައްވާ ކަމެކެވެ،" އެ ސިޓީގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ވައިފައި ލިބޭ ގޮތަށް ހަރުކޮށްފައިވާ މި ލައިޓްތަކުން އެއްވެސް މީހެއްގެ ޕްރައިވެޓް މައުލޫމާތު ނަގައި، ހިއްސާ ނުކުރެވޭނެ ކަމަށެވެ. މި ލައިޓްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ރިމޯޓް އެކްސެސް ސިޓީ ކައުންސިލް ފިޔަވައި އެހެން އެއްވެސް ބަޔަކަށް ދީފައި ނުވާ ކަމުގެ ޔަގީން ވެސް ދިނެވެ.
ފައިސާ އާއި އެހީ ލިބޭ ވަރަކުން މުޅި މާލެ ވަށައި މީގެ ލައިޓްތައް ހަރުކުރުމަކީ ސިޓީ ކައުންސިލުން ބޭނުންވާ ކަމެއް ކަމަށް ވެސް ބުންޏެވެ. އަދި މިއީ ޗައިނާއިން ހަދިޔާކޮށްފައިވާ ލައިޓްތަކެއް ކަމަށް ވާތީ، މާކެޓްގައި ވިއްކަން ހުރުން އެކަށީގެންވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އެކަމަކު އެއީ ކޮން ބްރޭންޑެއްގެ ކޮން ސްޕެސިފިކޭޝަނެއްގެ އެއްޗެއް ކަމެއް ނުބުންޏެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން ލޮނުޒިޔާރަތް ޕާކާ ހަމައަށް މީގެ 10 ލައިޓް މިހާރު ހުރީ ހަރުކޮށްފަ އެވެ. ހިލޭ ވައިފައި ލިބޭ މި ލައިޓްތަކުގައި ޑިޖިޓަލް ލެޑް ސްކްރީނެއް ވެސް ހުރެ އެވެ. ސީސީޓީވީ ކެމެރާ އާއި ސްޕީކާ ސިސްޓަމެއް އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސެންސަރުތައް ވެސް ހުރެ އެވެ.