ޓްވިޓާގެ ލޯގޯ ކުއްލިއަކަށް ބަދަލުކޮށްފި
ޓްވިޓާގެ ލޯގޯ ކުއްލިއަކަށް ބަދަލުކޮށްފި

ސޯޝަލް މީޑިއާގައި މީހުންނަށް ޖޯކު ޖަހައި ބަހުގެ ހަމަލާތައް ދެމުން އަންނަ، ޓްވިޓާގެ ވެރިޔާ އީލޮން މަސްކް ކުއްލިއަކަށް ޓްވިޓާގެ ލޯގޯ ބަދަލުކޮށްފި އެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ބަދަލުތައް ގެންނަމުންދާ ޓްވިޓާގެ ލޯގޯ ބަދަލުކުރީ 2013 ވަނަ އަހަރު މަޝްހޫރުވި ޝިބާ އިނޫ ކިޔާ ވައްތެރެއްގެ ކުއްތާއެއް ފެންނަ އިންޓަނެޓް މީމް "ޑޮޖް" އަށެވެ.

އެ މީމްއަކީ ކްރިޕްޓޯކަރަންސީ "ޑޮޖްކޮއިން" އާ ގުޅިފައިވާ ލޯގޯއެކެވެ.

އީލޮން އަކީ މީގެ ކުރިން ވެސް، "ޑޮޖްކޮއިން" ޕްރޮމޯޓުކުރުމަށް ޓްވީޓްކުރާ މީހެކެވެ. ޓްވިޓާގެ ލޯގޯ "ޑޮޖް" އަށް ބަދަލުކުރި ފަހުން އެ ކްރިޕްޓޯކަރަންސީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

މި ބަދަލު ގެނެސްފައި މި ވަނީ، މަސްކް ޕިރަމިޑް ސްކީމެއް ހިންގާ ކަމަށް ތުހުމަތުކޮށް ޑޮޖްކޮއިން އިންވެސްޓަރުން 258 ބިލިއަން ޑޮލަރު ހޯދަން މަސްކާ ދެކޮޅަށް ކުރި ދައުވާ ބާތިލް ކުރުމަށް އެމެރިކާގެ ކޯޓަކަށް އޭނާ ހުށަހެޅިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޓްވިޓާގެ ލޯގޯ ބަދަލުކުރި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ. އެއްވެސް ކަހަލަ އިޝާރާތެއް ނެތި ކުއްލިއަކަށް ލޯގޯ ބަދަލުވިކަން މަސްކް ހާމަކުރީ ވެސް ޓްވީޓުކުރި މީމް އަކުންނެވެ.

މޯބައިލް ފޯނުގެ އެޕްލިކޭޝަނުން އަދި ބަދަލުނުވި ނަމަވެސް، ވެބް މެދުވެރިކޮށް ޓްވިޓާ ބޭނުންކުރާ މީހުންނަށް މިހާރު ފެންނަނީ "ބްލޫ ބާޑް" ލޯގޯގެ ބަދަލުގައި، "ޑޮޖް" މީމްގެ ކުއްތާގެ ފޮޓޯ އެވެ.

ޓްވިޓާގައި ބައެއް މީހުން ބުނާ ގޮތުގައި، މިއީ "އޭޕްރިލް ފޫލް" ޖޯކަކަށް ވެސް ވެދާނެ އެވެ.