04 އެޕްރީލް 2023 - 12:21

އުރީދޫގެ "ފަން ރަން"ގެ އެޑިޝަނެއް ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.
އެ ދުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓާ ކުރެވޭނީ މި މަހުގެ 13ގެ ނިޔަލަށް އޮންލައިންކޮށެވެ.
"ފަން ރަން"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާކޮށް މި ހަރަކާތްތައް ކަނޑައަޅާފައިވާ ދެ ކިޓުގެ ތެރެއިން އެއް ކިޓު ގަންނަން ޖެހޭނެ އެވެ. އެ ދެ ކިޓަކީ 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓާއި 200ރ. ގެ ފަން ކިޓެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓް ބޭންޑް ހިމެނޭނެ އެވެ. ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބެންޑެނާއެއް ހިމެނޭނެ އެވެ.
"ފަން ރަން"ގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށެވެ. މި ހަރަކާތަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިއީ ވަކި ވަގުތައްް ނިންމަން ނުޖެހޭ އާއްމުކޮށް ދުވަން ނުދާ ފަރާތްތަކަށް ވެސް ފަސޭހައިން ނިންމާލެވޭނެ ދުވުމެކެވެ.
މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުން ޕްރޮމޯޓުކުރުމަށާއި އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވަމުންދާ ދުވުމެކެވެ. ދުވުމުގެ ތެރާގައި މަޖާ ގިނަ ހަރަކާތްތަކަކާއި ކުލަ ޖެހުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ދާނެ އެވެ.
"ފަން ރަން" އަކީ އުރީދޫން މީގެ ކުރިން ބާއްވަމުން ދިޔަ "ކަލާ ރަން" އަޕްގްރޭޑުކޮށް މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެވެ. މި ދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން"ގައި 5000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.