09 ޖޫން 2016 - 13:18

އޮޓާވާ (ޖޫން 9) - ކެނެޑާގެ އޮޓާވާ ސިޓީގެ ކާރުބާރު އެންމެ ބޮޑު މަގެއްގެ މެދުތެރޭގައި ބޮޑު ވަޅުގަނޑެއް އުފެދުމުން އެ މަގު ބަންދު ކުރަން ޖެހިއްޖެ އެވެ.

މި ބޮޑު ވަޅުގަނޑު ހެދިފައި ވަނީ ޝޮޕިން މޯލެއްގެ ކުރިމައްޗަށްވާ ގޮތަށެވެ. ވަޅުގަނޑު ހެދުމާ އެކު ގޭސް ލީކުވުމާ ގުޅިގެން ކައިރީގައިވާ ހޮޓާތަކާއި ފިހާރަތަކުން މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. މޯލުގެ ކުރިމަތިން ހެދުނު ވަޅުގަނޑު ފުޅާވަމުން ގޮސް މަގު މެދުން ބޮޑު ތަންގަނޑެއް އެކުގައި ވަނީ ވަޅުގަނޑު ތެރެއަށް ދަމައިގެންފަ އެވެ. އަދި ޕާކްކޮށްފައި އޮތް ވޭނަކާއި ބޮކި ދަނޑިއެއް ވެސް ވަނީ ވަޅުގަނޑު ތެރެއަށް ވެއްޓިފަ އެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން ކައިރީގައި ހަދަމުން ދިޔަ ލައިޓް ރޭލް ލައިނުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. ވަޅުގަނޑު ހެދުމާ އެކު ފެން ހޮޅިއެއް ފަޅައިގެން ގޮސް ވަޅުގަނޑަށް ފެން ފައިބަން ފެށުމުން ފެނުގެ ސަޕްލައި ވަނީ ބަންދުކޮށްފަ އެވެ.
ކެނެޑާގެ މީޑިއާތަކުން ބުނި ގޮތުގައި އެ ހިސާބުގަނޑުން ކަރަންޓް ދިއުމުން 850 މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އޮފިޝަލުން ބުނީ ވަޅުގަނޑު ހެދުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އަދި އެ ހިސާބާ މީހުން ކައިރި ނުވުމަށް މިހާރު ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ވަޅުގަނޑު ހެދުނީ ލައިޓް ރޭލް ޓްރާންސިޓުގެ މަސައްކަތުގެ ސަބަބުން ކަމެއް އަދި ނޭނގެ އެވެ.