05 އެޕްރީލް 2023 - 07:09

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޑިޒްނީގެ ކާޓޫން، "މޮއާނާ"ގެ ލައިވް-އެކްޝަން ފިލްމެއް ހަދަން ނިންމާފައިވާކަން އެ ކާޓޫނު ގެނެސްދިން ޑިޒްނީން އިއުލާންކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން ރިލީޒްކުރި "މޮއާނާ" ކާޓޫނަށް ބޮކްސް އޮފީހުގައި 680 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އެ ކާޓޫނުގެ ޑޭވް ކެރެކްޓާއަށް އަޑު އެޅި، އެމެރިކާގެ އެކްޓަރު ޑުވޭން ޖޯންސަން (ރޮކް) ކުރި ޓުވީޓެއްގައި ބުނީ، "މޮއާނާ"ގެ ރީތި ވާހަކަ ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.
"މައުއީ އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި. ޑިޒްނީއާއެކު މި ވާހަކަ އާއި މިއުޒިކާއި ނެށުމުން ގެނެސްދޭން ލިބުމުން އަހަރެން ފަހުރުވެރިވަން،" ރޮކްގެ ޓްވީޓުގައި ބުންޏެވެ.
އެ ފިލްމު ޕްރޮޑިއުސް ކުރަނީ "ސެވެން ބަކްސް ޕްރޮޑަކްޝަން"ގެ ދަށުން، ރޮކް އާއި އޭނާގެ ކުރީގެ އަންހެނުން ޑެނީ ގާސިއާ އާއި ހިރަމް ގާސިއާ އަދި "ފްލިން ޕިކްޗާ ކޯ"ގެ ބޯ ފްލިން އެވެ.
އޭގެ އިތުރުން، މޮއާނާ ކާޓޫނުގައި މޮއާނާގެ ކެރެކްޓާއަށް އަޑުއަޅާފައިވާ އެކްޓްރެސް އައުލީއީ ކްރަވާލިއޯ ވެސް އެ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ހަވާއީ އާއި ސަމޯއާ އަދި ހައިޓީ ފަދަ ޕޮލިނޭސިއާގެ ރަށްތަކުގެ ސަގާފަތް ދައްކުވައިދޭ "މޮއާނާ" އަކީ، އެއްފަޅި ސަމޯއާއަށް ނިސްބަތްވާ، ރޮކްއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.