"ފިކުރެއްގެ ދިރުން" މެމްބަރުން ކޮމިޓީތަކުން ވަކިކޮށްދޭން އެދިއްޖެ
"ފިކުރެއްގެ ދިރުން" މެމްބަރުން ކޮމިޓީތަކުން ވަކިކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުމުގެ" މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ވަކިކޮށްދޭން ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި އެވެ.

ޕީޖީގެ ޗީފް ވިޕް، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން މިއަދު 12 ޖަހާއިރު އެ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެމްޑީޕީގެ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ޕާޓީގައި ދެ ފެކްޝަނެއް އޮތްއިރު، ނަޝީދާ އެކު ތިއްބެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޖުމްލަ 68 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނެވެ. ގިނަ މެމްބަރުން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ.

މުޣުނީ "މިހާރު"އަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި ވަކި ޕާލަމެންޓްރީ ގްރޫޕެއް ނުހެއްދެވޭނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދުކުރައްވަން ނިންމެވުމާ އެކު ވަކި ޕީޖީ ގްރޫޕެއް ހަދައި ބޭއްވެވި ބައްދަލުވުމަށެވެ.

އޭގެ ފަހުން، "ފިކުރެއްގެ ދިރުމުގެ" ބޭފުޅުން އަންނަނީ ޖޭޕީއާ އެކު އިންތިހާބަށް ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ.

މުޣުނީ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ކޮމިޓީތަކުގައި ތިއްބެވި މެމްބަރުން އަމަލުކުރައްވަން ޖެހޭ އުސޫލްތަކެއް ހުރެ އެވެ. އޭނާ މައްސަލަ ހުށަހެޅުއްވީ، އެ އުސޫލާ ފުށުއަރާ ގޮތަށް އަމަލުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

"އުސޫލްތަކާ ފުށުއަރާ ގޮތަށް ކަންކަން ކުރައްވާތީ، އެކަން ބައްލަވައިދެއްވަން ހުށަހެޅީ،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ އެދިވަޑައިގަތީ މަޖިލީހުގެ ގަވައިދުގެ ރ. ގައިވާ ގޮތުގެ މަތިންް ފިޔަވަޅު އަޅައިދިނުމަށެވެ.

އެ މާއްދާގައި އޮތީ ކޮމިޓީއެއްގައި ހިމެނޭ އެ ޕާޓީގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެމްބަރަކު އައްޔަންކުރަން ޕާޓީއަކުން ބޭނުންވާ ނަމަ އެކަން ލިއުމުން އަންގަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށެވެ. އެ ލިއުން މަޖިލިސް ރައީސަށް ލިބުމުން، އެ މެމްބަރުގެ އިއުތިރާޒެއް ނެތް ކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކުރުމަށް ފަހު، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް އެކަން އަންގަންވާނެ ކަަމށެވެ.

މެމްބަރަކު އެ މެމްބަރަކު ހިމެނޭ ކޮމިޓީ ބަދަލުކުރުމަށް އިއުތިރާޒްކުރާ ހާލަތުގައި އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕްގެ ޖުމްލަ އަދަދުގެ އަޣުލަބިއްޔަތުން އެ މެމްބަރަކު އެ ކޮމިޓީން ބަދަލުކުރަން ނިންމާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ކަށަވަރުކުރަންވާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުންނަވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާކަން އިއުލާންކޮށްފަ އެވެ. އެ ހަރަކާތުން އަންނަނީ އިންތިހާބަށް ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް ބާއްވަމުންނެވެ.