03 އެޕްރީލް 2023 - 13:13

ދުނިޔޭގެ އެންމެ މަޝްހޫރު ނޫސްތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ނިއުޔޯކް ޓައިމްސް" އިން "ޓްވިޓާ ބްލޫ" އަށް ފައިސާ ދައްކައިގެން ވެރިފައި ނުކުރާނެ ކަމަށް ބުނުމާ އެކު ޓްވިޓާ ވެރިފިކޭޝަން އަތުލައިފި އެވެ.

ޓްވިޓާއިން ވަނީ މި މަހުން ފެށިގެން ކުރީގެ "ލެގަސީ ވެރިފިކޭޝަން"ތައް އުވާލާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު އެ ޕްލެޓްފޯމުން އަންނަނީ، ވެރިފިކޭޝަނަށް ފައިސާ ނުދައްކާ ޓްވިޓާ އެކައުންޓުތަކުގައި ހުރި ނޫކުލައިގެ ޓިކް މާކު ނަގަމުންނެވެ.
ނިއުޔޯކް ޓައިމްސްގެ އިތުރުން ވަރަށް ގިނަ ކުންފުނިތަކުންނާއި ސެލެބްރިޓީން ވަނީ "ޓްވިޓާ ބްލޫ" އަށް ފައިސާ ދައްކަން ދެކޮޅު ހަދައިފަ އެވެ.
ނިއު ޔޯކް ޓައިމްސްގެ ޓްވިޓާ އެކައުންޓް ވެރިފިކޭޝަން ބެޖް ގެއްލުނީ ވެރިފައިކުރަން ފައިސާ ނުދައްކާނެ ކަމަށް ބުނުމާ އެކު ޓްވިޓާގެ މިހާރުގެ ސީއީއޯ އީލޮން މަސްކު އެ ނޫހާ ދެކޮޅަށް ޓްވިޓާގައި ބަހުގެ ހަމަލާތައް ދިނުމަށް ފަހުގަ އެވެ. މަކްސް ބުނެފައިވަނީ ނިއު ޔޯކް ޓައިމްސް އިން އުޅެނީ ބޭނުންހާ ޕްރޮޕަގެންޑާއެއް ނުފެތިގެން ކަމަށާއި އެއީ މީހަކު ކިޔާ ވަރު ނޫހެއް ވެސް ނޫން ކަމަށެވެ.
ޓްވިޓާގެ އާ ވެރިފިކޭޝަން ގަވައިދުގެ ދަށުން، ކުންފުނިތަކުން ރަންކުލައިގެ ވެރިފިކޭޝަން މާކު ހޯދުމަށް، މަހަކު 1،000 ޑޮލަރު ދައްކަން ޖެހޭއިރު، ވަކިވަކި ފަރުދުންގެ އެކައުންޓުތަކުން ނޫ ވެރިފިކޭޝަން ޓިކު ހޯދުމަށް، މަހަކު އަށް ޑޮލަރު ދައްކަން ޖެހޭނެ އެވެ.
"ޓްވިޓަ ބްލޫ" ގެ ސަބަބުން އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ވެރިފިކޭޝަނަކާ ނުލައި އެކައުންޓުތަކަކީ ސައްހަ އެކައުންޓުތޯ ދެނެގަންނަން އުނދަގޫވާނެ ކަމަށް ގިނަބަޔަކު ބުނެ އެވެ.
ނިއު ޔޯކް ޓައިމްސްގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު 55 މިލިއަނަށް ވުރެ ގިނަ އެވެ. އެ ނޫހުން ބުނީ ނޫހުގެ އެކައުންޓުގެ އިތުރުން އެތަނުގެ ނޫސްވެރިންގެ އެކައުންޓުތަކަށް ވެސް، ހާއްސަ ހާލަތެއްގައި މެނުވީ ފައިސާ ދައްކައިގެން ވެރިފައި ނުކުރާނެ ކަމަށެވެ. އެކަމަކު، އެ ނޫހާ ގުޅިފައިވާ އެހެން ބައެއް އެކައުންޓުތަކުން މިހާރު ވަނީ ގޯލްޑް ވެރިފިކޭޝަން ގަނެފަ އެވެ.
މީގެ ކުރިން ޓްވިޓާ ވެރިފިކޭޝަނަށް ފައިސާ ނުދައްކަން ބުނި، ސީއެންއެން އާއި ލޮސް އޭންޖަލިސް ޓައިމްސް އާއި ދަ ވޮޝިންޓަން ޕޯސްޓު ފަދަ ނޫސްތަކުގެ އެކައުންޓުތަކުގައި މިހާރު "ގޯލްޑް" ޓިކް ހުރެ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޓްވިޓާއިން ވަނީ ތިން ވައްތަރެއްގެ ވެރިފިކޭޝަނެއް ތައާރަފްކޮށްފަ އެވެ. އެއީ ކުންފުނިތަކުން ނަމަ، "ގޯލްޑް" ވެރިފިކޭޝަން، ވަކިވަކި މީހުން ނަމަ "ބްލޫ" ވެރިފިކޭޝަން އަދި ސަރުކާރުތަކާ ގުޅިފައިވާ އެކައުންޓެއް ނަމަ އަޅި ކުލައިގެ ވެރިފިކޭޝަން މާކެވެ.