04 އެޕްރީލް 2023 - 07:08
ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ގެ އާ ލަވަ "ބަތުކަންމާ" ރިލީޒްކުރި ފަހުން އަންނަނީ، އޭގައި ދެކުނު އިންޑިއާގެ ހިތްގައިމު ޓެލުގޫ ސަގާފަތް ދައްކައިދޭތީ ގިނަބައެއްގެ ތައުރީފު ލިބެމުންނެވެ.
އިންޑިއާގެ ޓެލަންގަނާ އަދި އަންދަރް ޕްރަދޭޝްގެ ބައެއް ހިސާބުތަކުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ "ބަތުކަންމާ" ފެސްޓިވަލަށް ނިސްބަތްކޮށް ނަން ދީފައިވާ އެ ލަވައިން، އެ ފެސްޓިވަލްގައި ޓެލުގޫ ސަގާފަތުގެ މީހުން ކަންކުރާ ގޮތް ވަނީ ދައްކާލައިފަ އެވެ.
އެ ސަރަހައްދުގެ މީހުން އާންމުކޮށް ސެޕްޓެމްބަރާއި އޮކްޓޯބަރު މަހުގައި ފާހަގަކުރާ، މަލުގެ އެ ފެސްޓިވަލުގައި ކުލަގަދަ ސާރީތަކާއި، ތަފާތު ގަހަނާ އަޅައިގެން ތިބި އަންހެނުން، މަލުން ހަދާފައިވާ "ބަތުކަންމާ" ކިޔާ އެއްޗެއްގެ ވަށައިގެން ނަށާނެ އެވެ.
ފޭނުން، ހާއްސަކޮށް އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ސަލްމާނަށާއި، އެ ފިލްމު އުފެއްދި މީހުން، ބައިނަލްއަގްވާމީ އަދި ގައުމީ ލެވެލްގައި ޓެލުގޫގެ ސަގާފަތް ދައްކުވައިދޭން ކުރާ މަސައްކަތަށް ތައުރީފު ކުރަމުންނެވެ.
ޓެލުގޫ ބަހުން ކިޔާފައިވާ އެ ލަވަ ސޯޝަމް މީޑިއާގައި މިހާރު ޓްރެންޑު ވަމުން އަންނައިރު، އެ ޝެއާކުރި ދެކުނު އިންޑިއާގެ ގިނަ ބަޔަކު ވެސް، އެމީހުންގެ ސަގާފަތް ގެނެސްދިން ގޮތާ މެދު ތިބީ ހިތްހަމަޖެހިގެންނެވެ.
ސަލްމާނާއެކު ޕޫޖާ ހެޖް އަދި ރާމް ޗަރަން ފެންނަ "ކިސީ ކާ ބާއި ކިސީ ކީ ޖާން" ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ މި މަހު 21 ވަނަ ދުވަހު އެވެ.