22 ޖެނުއަރީ 2017 - 15:35

ޑައިވިން އަދި ވޯޓާސްޕޯޓްސް އަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖަރުމަނުގެ ޑަސްލްޑޯފްގައި އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ "ބޫޓް" ފެއާގައި ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ހަ ކުންފުންޏެއްގެ 14 މަންދޫބަކު ބައިވެރިވެ އެވެ. ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ކަމަށް ވެސް އެ ތަނުން ބުންޏެވެ.
އަހަރަކު އެއްފަަހަރު ބާއްވާ ބޫޓް ފެއާގައި ޑައިވިން އަދި ވޯޓާސްޕޯޓްސްގައި ބޭނުންކުރާ ސާމާނާއި ލަގްޒަރީ ޔޮޓުގެ އިތުރުން، ޑައިވް ކުރަން އެންމެ ރަނގަޅު ތަންތަން ވެސް އިޝްތިހާރު ކުރެ އެވެ. މި ފެއާ އަށް ވަނީ 51 ގައުމަކުން 200،000 އަށް ވުރެ ގިނަ މީހުން 2015 ގައި ޒިޔާރަތްކޮށްފަ އެވެ.
މިފަހަރުގެ ފެއާގައި އާ ކަންތައްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ ގޮތުން، އާޓިފިޝަލް ބީޗެއް އަދި މޫދެއް ހިމެނޭ ގޮތަށް ވަނީ ހޯލެއް ތައްޔާރުކޮށްފަ އެވެ. އަދި ކޯރެއްގެ ތެރޭގައި ބޯޓެއް ދުއްވާލާފައި ދާއިރު ކުރެވޭ އިހުސާސް ތަޖުރިބާ ކުރެވޭނެ ފަދަ ވަސީލަތްތައް ވެސް ފެއާ ބާއްވާ ތަނުގައި ވަނީ ގާއިމްކޮށްފަ އެވެ.
ދުނިޔެ އަށް މަޝްހޫރު ޑައިވް ސްޕޮޓްތައް ރާއްޖޭގައި ހުރިއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ޑައިވް ކުރަން އަންނަ މީހުންގެ އަދަދު ގިނަ އެވެ. އެ ގޮތުން، މިިދިޔަ ސެޕްޓެމްބަރު މަހު ހެދި މޯލްޑިވްސް ވިޒިޓާ ސާވޭ 2016 އިން ދެއްކި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ 16 ޕަސެންޓަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލައިލުމަށް ޒިޔާރަތް ކުރާ މީހުންނެވެ.
މިދިޔަ އަހަރު ޖަރުމަނުން ރާއްޖެ އަށް 106,132 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 1.2 ޕަސެންޓުގެ ކުރިއެރުމެކެވެ.