ހޭންޑްބޯޅަ ކޯޗިން ކޯހެއްގައި ހައިޝަމް ހަންގޭރީއަށް
ހޭންޑްބޯޅަ ކޯޗިން ކޯހެއްގައި ހައިޝަމް ހަންގޭރީއަށް

ހަންގޭރީގެ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސް އިން ބާއްވާ ބައިނަލްއަގުވާމީ ކޯޗިން ކޯހެއްގައި ބައިވެރިވާން ރާއްޖޭގެ ހޭންޑްބޯޅަ ކޯޗު އިބްރާހިމް ހައިޝަމް އެ ގައުމުގެ ވެރިރަށް ބުޑަޕެސްޓަށް ފުރައިފި އެވެ.

މިއަދުން ފެށިގެން ޖޫން 2 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ހައިޝަމް ބައިވެރިވީ އޮލިމްޕިކް ކޮމިޓީ އިން ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

މީގެ ކުރިން ވެސް އޮލިމްޕިކް ކޮމިޓީން ވަނީ ދިވެހި ގިނަ ކޯޗުންތަކަކަށް ހަންގޭރީގައި ތަމްރީން ވުމުގެ ފުރުސަތު ހޯދައިދީފަ އެވެ. މި ކޯހުގައި ކޯޗިންގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދޭނެ އެވެ.

ރާއްޖޭގެ ހޭންޑްބޯޅަ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ހައިޝަމް އަކީ އަކީ 2013 ވަނަ އަހަރު ހޭންޑްބޯލް އެސޯސިއޭޝަން އުފެއްދީއްސުރެން އެސޯސިއޭޝަންގެ ކޯޗެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ މީހެކެވެ.

އެގޮތުން ސްކޫލް ލެވެލް އާއި ކްލަބްތަކުގެ އިތުރުން ގައުމީ ޓީމްތަކަށް ވެސް ހައިޝަމް ވަނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން އެސޯސިއޭޝަނުން ރާއްޖޭގައި ހިންގާ އެކިއެކި ކޯޗިން ޕްރޮގުރާމްތަކުގައި އިންސްޓްރަކްޓަރެއްގެ ގޮތުން ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.