ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި
ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފި

ތޯމަސް ޓުޗެލްއާ އެކު ނަތީޖާތައް ދަށްވުމުން، އޭނާގެ ބަދަލުގައި ސީޒަނުގެ ކުރީކޮޅު ޗެލްސީގެ ކޯޗަކަށް ހަމަޖެއްސި ގްރަހަމް ޕޮޓާ އެންމެ ހަތް މަސް ދުވަސް ފަހުން މިރޭ މަގާމުން ވަކިކޮށްފި އެވެ.

ބްރައިޓަންގައި ހުއްޓާ ޗެލްސީން ގެނައި ޕޮޓާގެ ކޯޗުކަމުގައި އެ ޓީމުން ކުރީކޮޅު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު މަޑު މަޑުން ނަތީޖާތައް ދަށްވަމުން ގޮސް، ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ. އަދި ހޮނިހިރު ދުވަހުގެރޭ އެސްޓަން ވިލާ އަތުން 2-0 އިން އަމިއްލަ ދަނޑުގައި ބަލިވެ 11 ވަނަ އަށް ސޮއްސާލި އެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޕްރެޝަރު ކުރިމަތިވެ ރޯމަން އަބްރަހަމޮވިޗް ޗެލްސީ ވިއްކާލުމުން، އެ ޓީމު ގަތް އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ވަނީ މި ސީޒަނުގައި ކްލަބް ވަރުގަދަކުރަން 616 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފަ އެވެ.

ޗެލްސީ އަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދިން ޓުޗެލް އަށް އިތުރު ވަގުތު ނުދީ ސެޕްޓެމްބަރު މަހު، އޭނާ މަގާމުން ވަކިކުރީ ވެސް، ބެލެވޭ ގޮތުގައި ކުރި ހަރަދާ ބަލާއިރު ނަތީޖާ ދަށްވުމުންނެވެ. އެކަމަކު ސީޒަނުގެ އެހާ ކުރީކޮޅު ކޯޗު ބަދަލުކުރުމަކީ ގޯހެއް ކަމަށް އޭރު ވެސް ގިނަ ބަޔަކު ބުނި އެވެ.

އަމުދުން ކޯޗިންގައި މާބޮޑު ތަޖުރިބާއެއް ނެތް ޕޮޓާއާ ޓީމު ހަވާލުކުރުމުން އެ ފާޑުކިޔުން ބޮޑުވި އެވެ. ލަފާކުރެވޭ ގޮތުން ޗެލްސީން، ޕޮޓާ މި ވަކިކުރީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ބަދަލެއް ގެނައުމަށެވެ. ލީގުގެ ގަދަ ހަތަރަކާ 12 ޕޮއިންޓުގެ ފަރަގެއް އޮތުމުން ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތެއް ލިބެން އޮތް ހަމައެކަނި މަގަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ޗެލްސީގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވަނީ ސްޕެއިނުގެ ކުރީގެ ޑިފެންޑަރު ބްރޫނޯ ސެލްޓޯ އެވެ. އޭނާގެ ކޯޗުކަމުގައި ޗެލްސީ ނުކުންނަ ފުރަތަމަ މެޗަކަށް ވާނީ، އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީގެ ދާއިމީ ކޯޗަކަށް ގެންނާނީ، ބަޔާން މިއުނިކުން ދާދި ފަހުން ވަކިކުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން އެވެ. އޭނާގެ ބަދަލުގައި ބަޔާނަށް ގެންދިޔައީ ޗެލްސީ މިދިޔަ އަހަރު ވަކިކުރި ޓުޗެލް އެވެ.

ސްކޮޑަށް ބަލާއިރު ޗެލްސީގައި ތިބީ ޔޫރަޕުން ވެސް ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިންނެވެ. އެ ޓީމުން ވަނީ ޖެނުއަރީ މަހު އެކަނި ވެސް 200 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން އާޖެންޓީނާގެ ވޯލްޑް ކަޕް ތަރި އެންޒޯ ފެނާންޑޭޒް އާއި ޔޫކްރޭންގެ މިހައިލޯ މުޑްރިކް ގެނެސްފަ އެވެ.