23 ޖެނުއަރީ 2017 - 06:14

ޓްރަމްޕް ވައިޓް ހައުސްގައި ހޭދަކުރައްވާ ދުވަސްތަކުގައި ބޭނުންކުރައްވާނީ ސެމްސަންގް ގެލަކްސީ އެސް4 އެއް ކަމަށް ބެލެވޭ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފި އެވެ. ބަރަކް އޮބަމާ ވެސް ފަހު ޓާމްގައި ބޭނުންކުރެއްވީ ގެލަކްސީ އެސް4 އެކެވެ.
އެމެރިކާގެ ރައީސަކު ބޭނުންކުރައްވާ ގެލަކްސީ އެސް4 އަކީ އާދައިގެ މީހުން ބޭނުންކުރާ އެސް4 އެއް ނޫނެވެ. ސެމްސަންގުން ފޯނު އުފެއްދި ނަމަވެސް އެ ފޯނަކީ ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ފޯނެކެވެ. އެކަހަލަ އެސް4 އެއް ފިހާރަތަކުގެ ހަރުގަނޑުގައި ވިއްކާކަށް ނުހުރެ އެވެ.
އޮބާމާ އަދި ޓްރަމްޕް ބޭނުންކުރެއްވި ނަމަވެސް "ޑިފެންސް އިންފޮމޭޝަން ސިސްޓަމްސް އޭޖެންސީ" އިން އެ އެސް4 އަށް ވަރަށް ބޮޑަށް އިތުބާރުކުރެ އެވެ. ޑިފެންސް އިންފޮމޭޝަން ސިސްޓަމްސް އޭޖެންސީގެ މަސްއޫލިއްޔަތަކީ ވައިޓް ހައުސްގައި މުވާސަލާތީ ގުލުން ދެމެހެއްޓުމަށް ބޭނުންކުރާ ވަސީލަތްތައް ކަނޑައަޅައި ފޯރުކޮށްދިނުމެވެ.
އޮބަމާ ބޭނުންކުރެއްވި އެސް4 އަށް ޑިފެންސް އިންފޮމޭޝަން ސިސްޓަމްސް އޭޖެންސީން ބޭނުންވި ބަދަލުތައް ގެނައުމަށްޓަކައި، އެ ފޯނަށް ޚާއްސަ "ރޮމް"އެއް އުފައްދަން ޖެހުނެވެ. އެއީ ކޯލްނުކުރެވޭ، ކެމެރާ ބޭނުންނުކުރެވޭ ފޯނަކަށް ހަދަންޖެހުނެވެ. އެހެންކަމުން އޮބާމާ ޓްވީޓްކުރެއްވުމަށް ބޭނުންކުރެއްވީ އެހެން ފޯނެކެވެ.
ޓްރަމްޕް އަކީ ވެސް ޓްވީޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ޓްވީޓްތަކަށް ޖަވާބުދެއްވުމުގައި ނިދި ވެސް ނަންގަވާލައްވާ ބޭފުޅެކެވެ. އެހެންކަމުން ޓްވީޓްކުރެއްވުމަށް އެހެން ފޯނެއް ބޭނުންކުރެއްވުމަކީ ވަރަށް ގާތްކަމެކެވެ.
އެމެރިކާގެ ރައީސް ބޭނުންކުރައްވާ ގެލަކްސީ އެސް4 އަށް ބޭނުންހައި އެޕްލިކޭޝަނެއް ވެސް ނޭޅެ އެވެ. އެޕްލިކޭޝަން ސްޓޯރަށް ވަދެވުނު ނަމަވެސް އެޕްލިކޭޝަން އެޅުމާއި، "ބެކަޕް"ހެދުން ފަދަ މަސައްކަތްތައް، އޮޓަމެޓިކުން ނުވަތަ އެހެން ބަޔަކު ކުރެ އެވެ.