02 އެޕްރީލް 2023 - 13:16

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމަޕުގެ މައްޗަށް ޖިނާއީ ކުށްތަކެއްގެ ތުހުމަތުގައި ދައުވާ ކުރުމަށް، މިއަންނަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
އަންގާރަ ދުވަހު މެންހަޓަންގެ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޓްރަމްޕަށް އަންގާފައިވާ އިރު، އޭނާ ކޯޓަށް ހާޒިރުކުރާ ގަޑިއެއް އަދި އާންމެއް ނުކުރެ އެވެ. މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން، ޓްރަމްޕުގެ މައްޗަށް ޖިނާއީ ތުހުމަތުތަކަކާ ގުޅޭ ގޮތުން ތަހުގީގު ކުރަން ފެށީ، އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ޓްރަމްޕު ހުންނެވި ދުވަސްވަރެވެ.
އެ ތަހުގީގުތައް ފެށީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޓްރަމްޕު ޖިންސީ ގުޅުން ހިންގި މައްސަލައެއް ފެންމަތިވުމުން، އެވާހަކަ ނުދެއްކުމަށް ޓްރަމްޕުގެ ފަރާތުން އޭނާ އަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. ސްޓޯމީގެ ފަރާތުން އެ ވާހަކަތައް ފަޅާއަރުވައިލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށެވެ.
އެ ވާހަކަތައް އިތުރަށް ނުދެއްކުމަށް އެދި، 2016ގެ ރިއާސީ އިންތިޚާބުގެ އެއް މަސް ކުރިން ޓްރަމްޕުގެ ފަރާތުން ސްޓޯމީ އަށް 130000 ޑޮލަރު ދިން ކަމަށް، ޓްރަމްޕުގެ ކުރީގެ ވަކީލު މިޝެލް ކޮއެން ވަނީ، ހުވާ ކުރައްވައި ހެކިބަސް ދެއްވައިފަ އެވެ.
މި މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރެވިދާނެ އެތައް ކުށްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ވަކީލު މެދުވެރިކޮށް ސްޓޯމީ އަށް ރިޝްވަތުގެ ގޮތުގައި 130000 ޑޮލަރު ދިނުމަކީ އެއް ކުށެވެ. އެ ފައިސާގެ ބަދަލުގައި ޓްރަމްޕުގެ ކުންފުނިން ވަކީލަށް ފައިސާ ދިން އިރު، އަދަދު އޮޅުވައިލުމުގެ ގޮތުން ވަކީލުގެ އެކައުންޓަށް 420000 ޑޮލަރު ޖަމާކޮށް، ކަމުގެ ހަގީގަތް އޮޅުވައިލަން މަސައްކަތް ކުރުން ހިމެނެ އެވެ.
ކަމެއްގައި ހަނުހުރުމަށް ފައިސާ ދިނުމަކީ އޭގެ ޒާތުގައި ކުށެއް ނޫނެވެ. ނަމަވެސް އެކަމުގައި އަމަލު ކޮށްފައި ހުރި ގޮތަށް ބަލާއިރު، ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލުމަށް މަސައްކަތް ކުރުމަކީ ޓެކުހަށް މަކަރު ހެދުމުގެ އަމަލެއްގެ ގޮތުގައި ދައުވާ ކުރެވިދާނެ އެވެ. މިހާރު ކުރިއަށް ދާ ތަހުގީގުތަކާ ގުޅިގެން، ޓްރަމްޕުގެ މައްޗަށް 30 އަށް ވުރެ ގިނަ ދައުވާ ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އޭގެ އިތުރުން އެ ގޮތަށް ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލުމަކީ ޖިނާއީ އެހެން ކުށަކަށް މަގުފަހިކުރުމުގެ އަމަލެއްގެ ގޮތުގައި ވެސް ދައުވާ ކުރެވިދާނެ އެވެ. މި ކަމެއް ހިންގާފައިވަނީ އިންތިޚާބުގެ ތެރޭގައި ކަމަށް ވެފައި، އިންތިޚާބަށް އަސަރުކޮށްފާނޭ ކަމެއް ފެންމަތިވިޔަ ނުދިނުމަށް ކަމަށްވާތީ، އެއީ ކެމްޕޭނަށް ޚަރަދު ކުރުމުގެ ގާނޫނާ ޚިލާފަށް އަމަލު ކުރުމުގެ ކުށެއްގެ ގޮތުގައި ބެލެވޭނެ އެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ، 1-4 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުކުރުމަށްޓަކައި، ދައުލަތުގެ ވަކީލުން ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނީ، އެ ގޮތަށް ފައިސާ ޚަރަދު ކުރެއްވުމުގައި، ޖިނާއީ ކުށެއް ކުރެއްވުމުގެ ނިޔަތް ޓްރަމްޕްގެ ކިބައިގައި އޮތް ކަމެވެ.
މި މައްސަލަތަކުގެ ދައުވާތައް އިއްވުމުގެ ޖަލްސާ އަށް ޓްރަމްޕު ކޯޓަށް ހާޒިރުވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އޭނާގެ ވަކީލުން އެކަމަށް އިތުރު މުއްދަތަކަށް އެދުމުން، މިހާރު ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހަށެވެ.
ޓްރަމްޕުގެ މައްޗަށް ދައުވާކޮށްފި ނަމަ، އެއީ އެމެރިކާގެ ތާރީޚުގައި ވެސް، ރައީސްކަން ކުރައްވާފައިވާ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ. އެމެރިކާގެ ތާރީޚުގައި މިހާތަނަށް، ރައީސް ކަމުގެ މަގާމުގައި ހުރި މީހެއްގެ މައްޗަށް ވެސް އަދި މަގާމުން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާއެއް ކޮށްފައެއް ނެތެވެ.
ޓްރަމްޕުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތް މެންހެޓަންގެ ކޯޓުގައި ކުރިއަށް ގެންދާތީ، އޭނާގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި، ކޮންމެ އިންތިޚާބެއްގައި ވެސް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ހޯދާ ސަރަހައްދެއްގައި ހުންނަ ކޯޓެއްގައި ބާއްވާ ޝަރީއަތެއްގެ ނިމުން އިންސާފުވެރިއެއް ނުވާނެ އެވެ.
ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ، ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮތް އާބާދީއެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީންތަކެއް ހަމަނުޖެއްސޭނެތީ އެވެ. އެފަދަ އަޣުލަބިއްޔަތެއްގެ ތެރެއިން، ރިޕަބްލިކަން ޕާޓީން ރިއާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ މައްޗަށް ގޮތް ކަނޑައެޅުމަށް، މިނިވަން ޖޫރިންތަކެއް ހޯދުން ދަތިވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.