02 އެޕްރީލް 2023 - 13:18

ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި، އެމީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފައިވާ މީހަކު ވެރިކަމުގައި ހުރި ގައުމެއް، އދ.ގެ ސަލާމަތީ މަޖިލީހުގެ ރިއާސަތާ ހަވާލުވުމަކީ މިހާތަނަށް ފެނުނު އެންމެ ނުބައި އެޕްރީލް ފޫލް ކަމަށް، ޔޫކްރޭނުން ބުނެފި އެވެ.
މާޗް މަސް ނިމުމާއެކު މޮޒަމްބީކްގެ ރިއާސީ ދައުރު ހަމަވުމާ ގުޅިގެން، އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ކުރިއަށް އޮތް މަސްދުވަހަށް ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓާނީ ރަޝިޔާ އިންނެވެ. މަހުން މަހަށް ރިއާސަތު ބަދަލުވަމުން ގޮސް، ރަޝިޔާ އިން ސަލާމަތީ މަޖިލީހުގެ ރިއާސަތާ ހަވާލުވުމާއެކު، ޔޫކްރޭނާއި އެހެން ގައުމުތަކުން ދަނީ ރަޝިޔާ އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.
ދުނިޔޭގެ ސުލްހަ އާއި ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ސަލާމަތީ މަޖިލީހުގެ ރިއާސަތާ ރަޝިޔާ ހަވާލުވުމުން، އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބާ އެވެ.
"ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ހުރިހާ އަސާސީ ގަވާއިދުތަކާއި ހަމަތަކަށް، ނިޒާމީ ގޮތެއްގައި އަރައިގަންނަމުންދާ ގައުމު މިހާރު ހަވާލުވެ އެ އޮތީ، އެ މުއައްސަސާއެއްގެ ހަމައެކަނި މަސްއޫލިއްޔަތަކީ ބައިނަލްއަގުވާމީ ސަލާމަތީ ކަންތައް ހިމާޔަތްކޮށް ބެލެހެއްޓުން ކަމަށްވާ މުއައްސަސާ ހިންގުމާ،" ކުލޭބާ ވިދާޅުވި އެވެ.
އަސްކަރީ ޚާއްސަ ހަރަކާތެއްގެ ނަމުގައި، ފެބްރުއަރީ 24، 2022 ގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު ވެސް، ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓަމުން ގެންދިޔައީ ރަޝިޔާ އެވެ. ސަލާމަތީ މަޖިލީހުގެ ރިއާސަތަކީ ކޮންމެ މަހަކު އެއް ފަހަރު ބަދަލުވާ ގޮތަށް، މެމްބަރު 15 މެމްބަރުންގެ މެދުގައި ދައުރުވަމުން އަންނަ މަސްއޫލިއްޔަތެކެވެ.
ޔޫކްރޭންގެ ހަނގުރާމައިގެ ތެރޭގައި، ޔޫކްރޭންގެ ކުޑަކުދިންތަކެއް ގާނޫނާ ޚިލާފަށް އެ ގައުމުން ބޭރުކޮށް ރަޝިޔާ އަށް ގެންދިޔަ މައްސަލައިގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގެވުމުގެ ކުށުގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފަ އެވެ. މިއީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމެއްގެ ވެރިއަކު ހައްޔަރު ކުރުމަށް އެ ކޯޓުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.
މި މައްސަލައިގައި ރަޝިޔާ އަށް ފާޑުކިޔަމުން ދާއިރު، ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮވެ، އެމެރިކާ އިން ވަނީ، އެ މަޖިލީހުގެ ހުއްދައެއް ހޯދުމަކާ ނުލައި، 2003 ވަނަ އަހަރު އިރާގަށް އަރައިގަނެ އެ ގައުމާ ދެކޮޅަށް ހަނގުރާމަކޮށްފަ އެވެ.