03 އެޕްރީލް 2023 - 06:58

މާވެލް އިން މިއަހަރު ނެރެން ހަމަޖެހިފައިވާ މިނީ ސީރީޒް "ސީކްރެޓް އިންވޭޝަން" އިއުލާނުކުރި ހިސާބުން ފެށިގެން "ގޭމްސް އޮފް ތްރޯން" ގެ ތަރި، އެމިލިއާ ކްލާކްގެ ރޯލަކީ ކޮބައިތޯ ބަލަން ފޭނުންތިބީ ކެތްމަދުވެފަ އެވެ.

މި ސީރީޒްގައި އެމިލިއާ ފެންނާނީ ސެމިއުލް އެލް. ޖެކްސަން އަދި ބެން މެންޑަލްސަން ފަދަ އެމްސީޔޫއިން ކުރިން ފެނިފައިވާ އެކްޓަރުންނާ އެކު އެވެ.

ޝޯ ޕްރޮމޯޓުކުރަން އެމިލިއާ މީގެ ކުރިން ޝެއާ ކުރި ޕޯސްޓަކަށް ބިނާކޮށް، ގިނަ ފޭނުން ގަބޫލުކުރީ އޭނާ ކުޅޭނީ އޭބިގޭލް ބްރޭންޑު ކިޔާ ކެރެކްޓާއެއް ކަމަށެވެ. ނަމަވެސް، އެމްސީޔޫގައި އޭނާގެ ރޯލު މުޅިން ތަފާތެވެ.
"ވެނިޓީ ފެއާ" އިން ބުނި ގޮތުގައި، އެމްސީޔޫގައި އެމިލިއާ ކުޅެން ހަމަޖެހިފައި ވަނީ ގިއާ ކިޔާ އޭލިއަން ކެރެކްޓާއެއް ކަމަށް މާވެލް އިން ވަނީ ބުނެފަ އެވެ.
ގިއާ އެންމެ ފުރަތަމަ އެމްސީޔޫއިން ފެނުނީ ކުޑަކުއްޖެއްގެ ގޮތުގައި، 2019 ވަނަ އަހަރު ނިކުތް "ކެޕްޓަން މާވެލް" ފިލްމުންނެވެ. "ސްކްރަލް" ކިޔާ އޭލިއަން ދަރިފަސްކޮޅަކަށް ނިސްބަތްވާ ގިއާ އަކީ، ބެންގެ ކެރެކްޓާ ޓާލޮސްގެ ދަރިފުޅެވެ. އެ ދަރިފަސްކޮޅުގެ މީހުންނަކީ ސިފަ ބަދަލުކުރުމުގެ ބާރު ލިބިފައިވާ ބައެކެވެ.
ރެފިއުޖީ ކުއްޖެއްގެ ގޮތުގައި ފެންނަ، އަދި ޓާލޮސް ފަދަ ކެރެކްޓާއެއްގެ ދަރިއަކަށް ވުމުން، އެމިލިއާ ބުނީ މި ރޯލުގެ ސަބަބުން އޭނާ ވަރަށް ހަރު މީހަކަށް ވެއްޖެ ކަމަށެވެ.
"ސީކްރެޓް އިންވޭޝަން" ގެ ޓްރެއިލާ މިދިޔަ އަހަރު ނެރެފައިވާއިރު، ސީރީޒް ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު، ޑިޒްނީ ޕްލަސް އިންނެވެ.