02 އެޕްރީލް 2023 - 12:41

އޮކްޓޫބަރު މަހު އޮންނަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނިއު ރޭޑިއަންޓުގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) އަދި އެސިސްޓަންޓް ކޯޗަކަށް ފަރުހާދު އިސްމާއީލް (ފަރޭ) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުރީގެ ގަދަބާރު، ދަރަނިވެރިވެ، ހަރަކާތެއް ނެތި އޮތުމަށް ފަހު، މިދިޔަ އަހަރު އަލުން ފަށައިގަނެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެވޭ ގޮތެއް ނުވި އެވެ.
މިދިޔަ އަހަރު އެ ޓީމަށް ކޯޗުކޮށްދިން ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ވިކްޓްރީ އަށް ބަދަލުވެފައިވާތީ ނިއު އަށް ތައްތާރީތައް ފަށަން ޖެހުނީ ކޯޗަކާ ހަމައިންނެވެ.
ނިއުގެ ކޯޗަކަށް ހަމަޖެއްސި ނިމާ އަކީ، އީގަލްސްގައި ގިނަ ދުވަސްތަކެއް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ 19 އަހަރުން ދަށުގެ މުބާރާތް އީގަލްސްގެ ޔޫތު ޓީމަށް ކާމިޔާބުކޮށްދީ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފަ އެވެ. މިއީ، އީގަލްސް އާއި ޔޫތު ސްޕޯޓްސް ކްލަބުގެ ކުރީގެ މިޑްފީލްޑަރު، އޭނާގެ ގޭދޮށު އީގަލްސް ނޫން ޓީމެއްގެ ބެންޗުން ފެންނާނެ ފުރަތަމަ ފަހަރެވެ.
އޭނާގެ އެހީތެރިޔަކަށް ނިއު އިން ހަމަޖެއްސި ފަރޭ އަކީ ނިއު ހިމެނޭހެން ފުރަތަމަ ޑިވިޝަނުގެ ވަރަށް ގިނަ ޓީމުތަކާއި ގައުމީ ޓީމަށް ކުޅެފައިވާ ކުރީގެ ޑިފެންޑަރެކެވެ.
ނިއު އިން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިން ގެންނަން އެއްބަސްވެފަ އެވެ. އެ ކުޅުންތެރިންގެ ނަންތައް މިރޭ އިން ފެށިގެން އިއުލާންކުރާނެ ކަމަށް ބުނެ އެވެ.
ދަރަނީގެ ސަބަބުން، އަދަބު ލިބި ދެ ވަނަ ޑިވިޝަނަށް ސޮއްސާލި، ވިކްޓްރީން ވަނީ މި ފަހަރު ނިއު އަށް ވުރެ ކުރިން ތައްޔާރީތައް ފަށައިފަ އެވެ. އެގޮތުން ގައުމީ ޓީމުގައި ވެސް އިހަކަށް ދުވަހާ ހަމައަށް މުހިއްމު ދައުރެއް އަދާކުރި އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އުމެއިރުގެ ސޮއި އެ ޓީމުން ވަނީ ހޯދައިފަ އެވެ. އަދި ކުރީގެ ދުވެލި ބާރު ވިންގާ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ވެސް ފެންނާނީ ވިކްޓްރީންނެވެ.
ވިކްޓްރީގެ ކޯޗަކަށް ހަމަޖެއްސި ސޮބާ ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ފައިނަލާ ގާތަށް ނިއު ގެންގޮސްދީފަ އެވެ. އެކަމަކު ފަހު މެޗުން ބުރު ސްޕޯޓްސް އަތުން ބަލިވީ އެވެ. އަނެއްކޮޅުން ސްރީ ލަންކާގެ ޕަކީރު އަލީގެ ކޯޗުކަމުގައި ވިކްޓްރީ އަށް މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު އާއި ވިކްޓްރީ ދަރަނިން ސަލާމަތްވީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެހީތެރިކަމާ އެކު އެވެ.
ދެ ވަނަ ޑިވިޝަނުން، ޕްރޮމޯޓްވެވޭނީ، މިހާރު އޮންނަ ގޮތުން ނަމަ، އެންމެ ގަދަ ދެ ޓީމު ތެރޭ ހިމެނި އަދި ފުރަތަމަ ޑިވިޝަނުން އެންމެ ފުލަށް ދާ ދެ ޓީމާ އެކު ބުރެއް ކުޅެ އޭގެ ތެރެއިން ކުރި ލިބިގެންނެވެ.