02 އެޕްރީލް 2023 - 13:54

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ގެ ދެ ވަނަ ހޯދައިގެން ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބުން މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފި އެވެ.
ބުރު ސްޕޯޓްސް އަކީ އާ ސީޒަނަށް ފަރިތަކުރުންތައް ފެށި ތިން ވަނަ ކްލަބެވެ. އޭގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މާދަމާ ރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސް އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ބުރު ސްޕޯޓްސް އިން ފެށި ފަރިތަކުރުންތަކުގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި ދެ ވަނަ ޑިވިޝަން ގައި އެޓީމުގައި މުހިއްމު ދައުރެއް އަދަކުރި އަހުމަދު ރަޝީދު (އަންމަޑޭ) އާއި ފާރޫގު އިސްމާއިލް އަދި މުހައްމަދު ތަޝްމީން (ތައްތި) އާއި ގޯލްކީޕަރު އަބްދުﷲ އަރުޝަން ވެސް ހިމެނެ އެވެ. އަދި ރަށްރަށުން ވެސް ޒުވާން ގިނަ ކުޅުންތެރިން އެ ކްލަބުން ވަނީ ގެނެސްފަ އެވެ.
މީގެ އިތުރުން ކްލަބް އީގަލްސްގެ ޒުވާން ކުޅުންތެރިންތަކެއް ކަމަށްވާ ޑިފެންޑަރު ސޮލާހު އަލީ އާއި ސައިފުﷲ އިބްރާހިމް އަދި ގޯލްކީޕަރު ޝައިހާން އަލީ ގެ އިތުރުން މިދިޔަ އަހަރު އަނިޔާގައި ހުރި މުހައްމަދު ނާއިމް ހިމެނެ އެވެ. ހަމަ އެއާ އެކު މުހައްމަދު ސާމިރާއި އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސައިފް ވެސް ވަނީ ބުރު ސްޕޯޓްސް ކްލަބާއެކު ފަރިތަކުރުންތަކުގައި ބައިވެރި ވެފައިވެ އެވެ.
ބުރު ސްޕޯޓްސް ކްލަބްގެ މެނޭޖަރު މުހައްމަދު ހަސަން ބުނި ގޮތުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަނިގައި އެޓީމުގެ ޓާގެޓަކީ ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ.