22 ޖެނުއަރީ 2017 - 15:28

ބަޔަކު ލަނޑުދިނުމުގެ ސަބަބުން ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެން މަޖުބޫރުވީ ކަމަށް ބުނާ އެމެރިކާގެ ފިރިހެނެއް ކަމަށްވާ ޖޯން ސޭފާޓް މިހާރު ރާއްޖޭގައި ހުންނަން ބޭނުން ނުވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާގައި ޖޯން ހައްޔަރުކުރީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް، ހަސަން ހަލީލް ވިދާޅުވީ ޖޯން އެނބުރި ގައުމަށް ދާން ބޭނުންވާތީ، އޭނާ ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖޯންގެ ޕާސްޕޯޓް ހެދުމުގެ ކަންކަން ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ ޕާސްޕޯޓް ލިބުނުހާ އަވަހަކަށް އޭނަ ގައުމަށް ފޮނުވައިލާނެ ކަމަށެވެ.
ޖޯންގެ ގާތް މީހުން ބުނާ ގޮތުގައި މީގެ ހަތް އަހަރު ކުރިން އޭނާ ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރީ ދިވެއްސަކާ އެކު ހުޅުމާލޭގައި ގެސްޓު ހައުސް ވިޔަފާރި ހިންގުމަށެވެ. ޖޯން ވެސް ފައިސާ ހޭދަ ކޮށްގެން ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ފަހު، ވަކި ހިސާބަކުން އޭނާ ބޭރުކޮށްލީ ކަމަށް ބައެއް މީހުން ބުނެ އެވެ.
ޖޯންގެ ޕާސްޕޯޓު ވަގަށް ނެގުމުން އެކަން ކަމާބެހޭ އިދާރާތަކަށް އޭނާ ހުށަހެޅި ކަަމަށް ވެ އެވެ. ޖޯން ރާއްޖޭގައި މަޑުކުރީ، ގެސްޓުހައުސް އަށް އޭނާ އިންވެސްޓްކުރި ފައިސާ ލިބެންދެން ކަމަށް ޖޯންގެ ގާތް މީހުން ބުނެ އެވެ.
ވިޔަފާރިން އޭނާ ބޭރުކުރި މައްސަލަ ޖޯން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެ ކޯޓުން ވަނީ ޖޯން އަށް ފައިސާދޭން އެ ވިޔަފާރީގެ އަނެއް ހިއްސާދާރަށް ހުކުމް ކޮށްފަ އެވެ.
ޖޯންއާ އެކު ވިޔަފާރިކުރި އަނެއް ހިއްސާދާރުގެ މައްޗަށް މިދިޔަ އަހަރު ޖޫން މަހު ކޯޓުން ހުކުމް ކުރީ ޖޯންގެ ފަރާތުން އެކި ފަހަރު މަތިން އަނެއް ހިއްސާދާރަށް ދިން 42،000 އަށް ވުރެ ގިނަ ޑޮލަރު (ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ދެ މަސް ތެރޭގައި އަނބުރާ ދެއްކުމަށެވެ. ހިއްސާދާރުގެ އެކައުންޓަށް ފައިސާ ޖަމާކުރީ ޖޯން މެދުވެރިވެގެން އެހެން ގައުމެއްގެ އިތުރު ދެ މީހަކާއި ޖޯން ކަމަށް ހުކުމުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ހުކުމް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޖޯންގެ ފަރާތުން މަސައްކަތް ކުރި ވަކީލަކު ވިދާޅުވެފައިވާ ގޮތުގައި، ލިޔެކިޔުމުން ސާބިތުވީ 42،000 ޑޮލަރުގެ ދަރަނި ކަމަށް ވިޔަސް އެ ވިޔަފާރި އަށް ޖޯން ވަނީ 250،000 އެއްހާ ޑޮލަރު ޚަރަދުކޮށްފަ އެވެ. ޖޯން ރާއްޖެ އިން އެނބުރި ގައުމަށް ނުގޮސް ހުރީ އެ ފައިސާ ނުލިބެނީސް ނުދާންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.