02 އެޕްރީލް 2023 - 12:02
މި އަހަރުގެ ރޯދަމަހާ ދިމާކޮށް ދިރާގުން ނެރުނު ކުރު ފިލްމު "ލޯބި" ގައި ދައްކައިދެނީ ފެނުމުގެ ދަތިކަން ހުންނަ ކުއްޖަކާއި އޭނާގެ މަންމައާ އޮންނަ ގުޅުމެވެ. ރޯދައަށް ކަރާ ވިއްކަން މަންމަ މާލެ އަންނަން ޖެހުމުން އެ ކުއްޖާ އުޅެނީ މަންމަ ތައްޔާރުކޮށްދޭ ކަރާފަނީގެ ރަހަ ނުލިބިގެންނެވެ.
މަންމަގެ އަގުވަޒަން ކުރުމުގެ މުހިންމުކަން ކިޔައިދޭ މި ފިލްމުގައި އުޅޭ ކުއްޖާގެ ދައްތަ އޭނާއަށް މަންމަގެ ކަރާ ފަނީގެ ރެސިޕީއާ އެއްގޮތައް، މަންމަގެ ސީދާ އިރުޝާދުގެ ދަށުން ކަރާފަނި ހެދިޔަސް މަންމަ އެ ތައްޔާރު ކޮށްދޭ ކަރާ ފަނީގެ ރަހަ ނުލާ ކަމަށް ބުނެ ދެރަވެގެން އުޅޭތީ ދައްކަ އެވެ.
ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫގައި ޝޫޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ދިރާގުން ބުނީ އެ ފިލްމުގެ މަގުސަދަކީ މަންމަ ކޮށްދޭ ހިދުމަތްތައް އެހެން ކޮންމެ މީހަކު ކިތަންމެ ފުރިހަމައަށް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ކޮށް ނުދެވެނޭކަން އަންގައިދިނުން ކަމަށެވެ. އަދި އެ މެސެޖާ އެއްކޮށް މަންމަގެ އަގުވަޒަން ކުރުމަށް ހިތްވަރު ދިނުމެވެ.