22 ޖެނުއަރީ 2017 - 18:46

މެލްބަން (ޖެނުއަރީ 22) - އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުރުން ދުނިޔޭގެ އެއް ވަަނަ ކުޅުންތެރިޔާ އެންޑީ މަރޭ ކަޓައިފި އެވެ.
ކެރިއަރުގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމުގެ އަޒުމްގައި މި ފަހަރު މުބާރާތަށް ކުރިމަތިލި މަރޭ މުބާރާތުގެ ހަތަރު ވަނަ ބުރުން ބަލިވީ ދުނިޔޭގެ 50 ވަނައިގައި އޮތް ޖާމަނީގެ މިޝާ ޒްވެރެވް އަތުންނެވެ. ޒެވްރެވް ކުރިހޯދިއިރު ސެޓުތައް ދިޔައީ 7-5 5-7 6-2 6-4 އިންނެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ފަސް ފަހަރު ކުޅެފައިވާ މަރޭ އަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބި ކެޓި ފުރަތަމަ ފަހަރެވެ. އަދި ގްރޭންޑް ސްލޭމް މުބާރާތެއްގައި ދުނިޔޭގެ ގަދަ 20 އިން ބޭރުން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔެއްގެ އަތުން 2006 ވަނަ އަހަރަށް ފަހު ބަލިވި ފުރަތަމަ ފަހަރެވެ. މަރޭ ބުނީ މެޗު ގެއްލުނީ ފަސޭހަ ކޮށްލެވުމުން ކަމަށެވެ.
"މި މެޗުން އަހަންނަށް އެނގުނީ ރޭންކިން އަށް ބަލައިގެން މެޗަކަށް ތައްޔާރުނުވާން. ހަގީގަތުގައި ޒްވެރެވް މާ މޮޅަށް ކުޅުނު. މެޗުގެ ކޮންޓްރޯލް ހޯދައިގެން އަހަރެން ބަލިކުރީ. ހުރިހާ ގޮތަކުން ބެލިޔަސް ކުއާޓާގެ ޖާގައެއް އޭނާ އަށް ހައްގު،" މިދިޔަ މަހު ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރި މަރޭ ބުންޏެވެ.
ޒްވެރެވް އަކީ ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ގެއްލުނު ކުޅުންތެރިޔެކެވެ. އުމުރުން 29 އަހަރުގެ ޒްވެރެވް މީގެ ތިން އަހަރު ކުރިން ރޭންކިންގައި އޮތީ 500 ވަނައިގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ އަނިޔާ އިން ރިކަވާވެ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.
"ހަގީގަތުގައި މިއީ އަނިޔާއިން ރަނގަޅުވެގެން އަހަރެން ހިތްވަރު އެލުވާނުލާ ކުރަމުން އައި މަސައްކަތުގެ ނަތީޖާ،" ޒްވެރެވް ބުންޏެވެ.
މަރޭ ހަތަރު ވަނަ ބުރުން ކެޓިއިރު މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކެޓީ މުބާރާތުގެ ތިން ވަނަ ބުރުންނެވެ. މަރޭ އާއި ޖޮކޮވިޗް ކެޓުމުން މި މުބާރާތުގެ ފޭވަރިޓަކަށް ވެފައިވަނީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ރޮޖާ ފެޑެރާ އެވެ.