03 އެޕްރީލް 2023 - 06:28

ހިއުމަން ޓްރެފިކިން އާއި ރޭޕް ފަދަ ސީރިއަސް ތުހުމަތުތަކެއްގައި މިދިޔަ ޑިސެމްބަރު މަހު ރުމޭނިއާ އިން ހައްޔަރުކުރި އޮންލައިން އިންފްލުއެންސާ އެންޑްރޫ ޓޭޓާއި އޭނާގެ ކޮއްކޮ ޓްރިސްޓަން ޓޭޓް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މި ދެ މީހުންނާއި އެ މީހުންނާ ގުޅުން އޮތް ކަމަށް ތުހުމަތުވާ ރުމޭނިއާ ދެ އަންހެނަކު ޖަލު ބަންދުން ދޫކޮށްލީ ތިން މަސް ފަހުންނެވެ.
ޖަލުން ނެރުނު ވަގުތު ރުމޭނިއާގެ މީޑިއާތަކަށް ދިން އިންޓަަވިއުއެއްގައި އެންޑްރޫ ބުނީ އެ ދުވަހުގެ އަޑުއެހުމުގައި ތިބި ފަނޑިޔާރުންނަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ރުމޭނިއާއާ މެދު އަދި އެއްވެސް މީހަކާ މެދު އެއްވެސް ހަސަދައެއް ނުވަތަ ބުރަހިތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ގަބޫލުކުރަން، މިކަން ނިމޭއިރު އިންސާފު ގާއިމުވާނެ ކަމަށް. އަހަރެންގެ މައްޗަށް މި ކުށް ސާބިތު ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް، އެއީ އަހަރެން ނުކުރާ ކަމަކަށް ވީތީ،" އެންޑްރޫ ބުންޏެވެ.
އެންޑްރޫ އާއި ޓްރިސްޓަން ދޫކޮށްލުމަށް ގޮވާލައި ގިނަބަޔަކު އިންޓަނެޓުގައި ވަނީ އަޑުއުފުލައިފަ އެވެ. އަދި އެ މީހުން ހައްޔަރުކުރުމުން އުފާ ފާޅުކުރި މީހުން ވެސް އުޅުނެވެ.
ދާދި ފަހުން ބޮޑު މަގްބޫލުކަމެއް ހޯދި "ޓޭޓް ބްރަދާސް" ފާހަގަކުރެވެނީ ގިނަބަޔަކު ހިޔާލުތަފާތުވާ ވާހަކަތައް، ވީޑިއޯތަކާއި އިންޓަވިއުތަކުގައި ދައްކާ ބައެއްގެ ގޮތުގަ އެވެ. އެ މީހުންގެ ވިސްނުމާ ދެކޮޅު ހަދާ ގިނަ ބަޔަކު ތިބި އިރު ސަޕޯޓަރުން ވެސް ވަރަށް ގިނަ އެވެ.