02 އެޕްރީލް 2023 - 07:31

މާލޭގެ އަމީނީމަގުން ފެން ނުހިންދިގެން އާންމުން ޝަކުވާ އޮއްސާލުމުން، އެމްޑަބްލިޔުއެސްސީގެ މެނެޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި އެވެ؛ "ޕަމްޕުތައް މަސައްކަތް ކުރޭ. އެކަމަކު ޕަމްޕްތައް ޖެހޭނީ ބޮޑުކުރަން."

އަނެއްކާ ވެސް ޕަމްޕުތައް ބޮޑުކުރަންވީ އެވެ؛ މިއީ، މީގެ 30 އަހަރު ކުރިން، އަމީނީމަގުގައި އެންމެ ފުރަތަމަ ގާއަތުރަން ފެށި އިރު ވެސް ދައްކަމުން އައި ވާހަކަ އެވެ. އެމްޑަބްލިޔުއެސްސީ އަށް ކޮންމެ އެމްޑީއަކު އަންނައިރަށް ޕަމްޕްތަކަށް ނުކުތާ ވާހަކަ ދައްކަ އެވެ.

އޭގެ އަނެއްކޮޅުން ދެން އޮތީ ސަރުކާރެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ވެސް އަމީނީމަގުގައި އޮންނަނީ ފެން ބޮޑުވެފަ އެވެ. ސިފައިން ނުކުމެގެން ނޫނީ ދުވަހަކު ވެސް ފެނެއް ނުހިންދެ އެވެ. ސަރުކާރެއް ބަދަލުވާ އިރު، އެކަން ހައްލުކުރުމުގެ ނިޔަތުގައި ދެން ފަށަނީ ބޮޑު މަޝްރޫއެކެވެ. އަމީނީމަގުގައި އަލުން ގާއެތުރުން ނުވަތަ އަލުން އެ މަގު ހެދުމުގެ މަޝްރޫއެކެވެ.

މީގެ 25-30 އަހަރު ކުރީގެ ނޫސްތަކުން ވެސް، އަދި އޭރުގެ ހަބަރުތަކުން ވެސް އަދިވެސް ފެންނަ ސުރުހީތައް މިއަދު ވެސް އެބަ ފެނެ އެވެ. އަމީނީމަގުން ފެން ހިންދަން އެތައް މަޝްރޫއެއް ހިންގައިފި އެވެ. ހަމަ އެއާ އެކު މަޖީދީމަގާއި އެހެން މަގުތައް ވެސް އަލުން ހަދައިފި އެވެ. މައްސަލަ ހައްލެއް ނުވި އެވެ.
މިދިޔަ ސަރުކާރުގައި، މާލޭ ސިޓީ ކައުންސިލުން މާފަންނުކޮޅުގެ ވަރަށް ގިނަ މަގުތައް އަލުން ހެދި އެވެ. އޭރު ބުނަމުން ދިޔައީ އެ މަގުތައް އަލުން ހަދަނީ ވާރޭ ވެހޭ ދުވަސްތަކުގައި މަގުތަކުން އޮޓަމެޓިކުން ފެން ހިނދޭ ގޮތަށް ކަމަށެވެ. އެކަމަކު، މިހާރު ވެސް ކިރިޔާ ބޯކޮށް ވާރޭ ވެހިލިޔަސް، މަގަކުން ހިނގައިފައެއް ނުދެވެ އެވެ. އޭގެ ޒާތުގައި، ކާނުތަކުގެ ތެރެއިން ފެންގަނޑު ދަމައެއް ނުގަނެ އެވެ. އެކަން ވެސް ވީ ބޭކާރު މަޝްރޫއަކަށެވެ. ހަގީގަތަކީ މާލޭގައި އުޅޭ މީހުންގެ ރުޅި މަޑުކަމެވެ؛ ކެތްތެރިކަން ބޮޑުކަމެވެ.
މާލެ އިން ފެން ހިންދުން މިއީ ހަމަ އެހާ ބޮޑު ކަމަކީ ހެއްޔެވެ؟ މައްސަލަ އަކީ ކޮބައިހެއްޔެވެ؟
މި ކޮލަމް ލިޔަން ވެގެން ވާހަކަ ދައްކާލި، ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ކުރިން އެމްޑަބްލިޔުއެސްސީގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ. އަނެއް ބޭފުޅަކީ، މިކަހަލަ ކަންކަމުގެ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މާލޭގައި ފެން ހިންދުމުގެ ނިޒާމު ރަނގަޅު ކުރަން ކުރީ ސަރުކާރުން އޮތީ ވަރަށް ރަނގަޅު ޕްލޭނެއް އެކުލަވާލައިފަ އެވެ. އެހެން ނަމަވެސް، މަޝްރޫއުގެ ވަކި ހިސާބަކަށް ދިޔަތަނުން ސަރުކާރު ބަދަލުވެ އެ މަޝްރޫއުގެ ދެވަނަ ފޭސް އެއްކޮށް އޮތީ ހުއްޓިފަ އެވެ.
އެ މަޝްރޫއަކީ މުޅި މާލެ އިން ފެން ހިންދޭނެ ނިޒާމެއް ގާއިމް ކުރަން ހިންގި މަޝްރޫއެކެވެ. އެހެން ނަމަވެސް، މަޝްރޫއު ހުއްޓާލުމުން މަސައްކަތް ނިމިފައި އޮތީ ބައިކުޅަބައެވެ. މަޖީދީމަގާއި އަމީނީމަގާއި އަމީނީމަގުން އެއްގަމުން ބޮޑުތަކުރުފާނު މަގުގައި ފުރަތަމަ ފޭސްގެ ދަށުން ޕަމްޕްތަކެއް ބެހެއްޓި އެވެ. އަމީނީމަގުގައި އެކަނި ވެސް ތިން ޕަމްޕް ބެހެއްޓި އެވެ. އަދި މައި ތިން ޕަމްޕް ސްޓޭޝަން އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގައި ހެދި އެވެ. އެތައް މިލިއަން ރުފިޔާއެއް އޭރު ހޭދަކޮށްގެން، މަޝްރޫއު އަމާޒުކުރީ ކިތަންމެ ގިނައިން ވާރޭ ވެހުނަސް ބައިގަޑިއިރުގެ ތެރޭގައި މަގު ހުސްކޮށްލެވޭ ގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ، ޑިޒައިނާއި ޕަމްޕްތައް ވެސް ރަނގަޅެވެ. ދެން އޭނާ ކުރެއްވީ ސުވާލެވެ. އިއްޔެ ވާރޭ ވެހުނު އިރު، މަގުތަކުން ފެންގަނޑު ދަމައިނުގަތީ ކީއްވެހެއްޔެވެ؟
ޖަވާބަކީ މި އެވެ؛ ޕަމްޕްތައް ނުބެލެހެއްޓެނީ އެވެ. އެހެން ނޫން ނަމަ ފެންގަނޑު ދަމައިގަތީހެވެ.
އެ ނިޒާމަކީ، މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެ މިނިސްޓްރީން ޕްލޭންކޮށްގެން ހެދި ސިސްޓަމެކެވެ. އަދި އެ ސިސްޓަމަކީ ހަ މަހުން ހަ މަހުން މެއިންޓަނަންސް ނުބެލެހެއްޓޭ ނަމަ މަސައްކަތް ނުކުރުން އެކަށީގެންވާ ނިޒާމެކެވެ. އެކަން މުއިއްޒު އަށް ވެސް، އަދި އެމްޑަބްލިޔުއެސްސީ އަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ އެވެ.
މައްސަލަ އަކީ ފަރުވާ ކުޑަކަމެވެ. މާލޭގައިި އިއްޔެ ފެންބޮޑުވީ އެ ސިސްޓަމް ރަނގަޅަށް މަސައްކަތް ނުކުރީމަ އެވެ. ތަޖުރިބާރުން ވިދާޅުވާ ގޮތަށް، ފެންގަނޑު ދަމައިނުގަތީ އެ ސާފުނުކުރާތީ ބްލޮކްވެގެންނެވެ. އެއާ ދޭތެރޭ ސުވާލެއް ނެތެވެ!
މާލެ އިން ފެން ހިންދުމަށް މިދިޔަ ސަރުކާރުން ވެސް އެތައް ހަރަދެއް ކުރި އެވެ. އޭގެ ކުރީ ސަރުކާރުން ވެސް އެތައް ބައިވަރު ހޭދައެއް ކޮށްފި އެވެ. އަދި އޭގެ ކުރީ ސަރުކާރުން ވެސް، އޭގެ ކުރީ ސަރުކާރުން ވެސް އެތައް މިލިއަން ރުފިޔާއެއް އޮއްސާލައިފި އެވެ. ކޮންމެ ނިޒާމެއް ގާއިމް ކުރާއިރު ދައްކަނީ އެއް ވާހަކައެކެވެ؛ މިއީ އެތައް އަހަރެއް ވަންދެން މަސައްކަތް ކުރާނެ ނިޒާމެއް ކަމާއި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް އަންނާނެ ކަމެވެ.
އެކަމަކު އެހެނެއް ނުވެއެވެ. ކޮންމެ ސަރުކާރެއް ބަދަލުވެ، އަނެއްކާ ވެސް އާ ނިޒާމެއް އަންނަނީ އެވެ. ސިސްޓަމްތައް ހަރުކުރަނީ އެވެ. އެކަމަކު، މާލޭގެ މަގުތަކުން ފެނެއް ހުހެއް ނުވެ އެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލާ އިރަށް ދެން ހީވަނީ ސަހަރޯއޭ އެވެ.
ޕަމްޕްތައް އަނެއްކާ ވެސް ކުޑަވީ އެވެ؛ އާ ޕަމްޕްތައް ގެންނަންވީ އެވެ؛ މިކަމަށް ނިމެއް ނެތެވެ!