ނަސްރުން ރޮނާލްޑޯގެ ކާމިޔާބީ ފާހަގަކޮށްފި
ނަސްރުން ރޮނާލްޑޯގެ ކާމިޔާބީ ފާހަގަކޮށްފި

ރިޔާދު (އޭޕްރީލް 1) - އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލް އިން ޔޫރޯ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ ރެކޯޑް ހެދުމާ ގުޅިގެން އޭނާ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރުން މި ކާމިޔާބީ ފާހަގަކޮށްފި އެވެ.

ނަސްރުން ރޮނާލްޑޯގެ މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު ރޮނާލްޑޯ އެނބުރި ކްލަބާ ގުޅުމުން ވަނީ ހާއްސަ ކޭކެއް ފަޅައިފަ އެވެ.

އުމުރުން 38 އަހަރުގައި ރޮނާލްޑޯ ވަނީ ލިޗްޓެންސްޓައިން އާ ދެކޮޅަށް މިދިޔަ ހަފްތާ ކުޅުނު މެޗާ އެކު ގައުމީ ޓީމަށް 197 މެޗު ހަމަކޮށް، މީގެ ކުރިން ކުވެއިތުގެ ބަދުރު އަލް މުތަވާ ގައުމީ ޓީމަށް 196 މެޗު ކުޅެގެން ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ.

ކޮލިފައިން ގައި ލިޗްޓެންސްޓައިން އާ ދެކޮޅަށް ކުޅުމަށް ފަހު ޕޯޗުގަލް ގެ ދެ ވަނަ މެޗުގައި ކުޅުނީ ލަކްޒެމްބާގާ ދެކޮޅަށެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް އޮންނަ ރޮނާލްޑޯ ވަނީ މިއިން ކޮންމެ މެޗެއްގައި ވެސް ދެ ގޯލު ޖަހައި، ގައުމީ ޓީމަށް 122 ގޯލު ހަމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގައި ޕޯޗުގަލްގެ ކޯޗަކަށް ހުރި ފެނާންޑޯ ސަންޓޯސް، ރޮނާލްޑޯ އަށް އެކަށީގެންވާ ފުރުސަތު ނުދިން ނަމަވެސް އާ ކޯޗު ރޮބާޓޯ މާޓިނޭޒް އަންނަނީ ރޮނާލްޑޯ އަށް ގަވާއިދުން ފުރުސަތު ދެމުންނެވެ. އަދި މިހާރު ގައުމީ ޓީމަށް 198 މެޗު ކުޅެދީފައިވާ ރޮނާލްޑޯ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.

އިންޓަނޭޝަނަލް ބްރޭކް ނިމުމާ އެކު ރޮނާލްޑޯ ދެން އެންމެ އަވަހަށް ކުޅޭނީ ސައުދީ ޕްރޯ ލީގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ، ރަށުން ބޭރުގައި އަލް އަދާލާ އާ ދެކޮޅަށެވެ.

ލީގުގައި ނަސްރު އޮތީ އެއް ވަނައިގައި އޮތް އަލް އިއްތިހާދަށް ވުރެ ޕޮއިންޓެއް މަދުން، ތާވަލްގެ ދެ ވަނައިގަ އެވެ. ނަސްރުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ރޮނާލްޑޯ ވަނީ ސައުދީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ނުވަ ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.