ޖިއްދާ އަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ޖިއްދާ އަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ރިޔާޒް (ޖެނުއަރީ 22) - ސައުދީ އަރަބިއާގެ ޖިއްދާގައި ދޭން ރާވަމުން ދިޔަ ޓެރަރިސްޓް ހަމަލާއެއް އެ ގައުމުގެ ސިފައިން ނާކާމިޔާބުކޮށްލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ޓެރަރިސްޓުން ތިބި ކަމަށް ޝައްކު ކުރެވޭ ތަނަކަށް ސަލާމަތީ ސިފައިން ދިން ހަމަލާގައި ޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭ ދެ މީހަކު އަމިއްލަ އަށް ގޮއްވާލައިގެން މަރުވެފައިވާ ކަމަށެވެ. ޓެރަރިސްޓުން ކަމަށް ބެލެވޭ މީހުން ތިބީ ޖިއްދާގެ އަލް ހަރާޒަތު އަވަށާއި އަލް ނަސީމް އަވަށުގަ އެވެ. މި ހަމަލާތަކުގައި އަލް ނަސީމް އަވަށުން ވަނީ ސައުދީ ރައްޔިތެއް ކަމަށްވާ ހުސާމް ބިން ސޯލިހު ބިން ސަމްރާން ކިޔާ މީހަކާއި ޕާކިސްތާނުގެ އަންހެނަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ތިބި ގެއިން ވަނީ މެޝިން ބަޑިއަކާއި ގިނަ އަދަދެއްގެ ގޮވާ ތަކެތި ހޯދައިފަ އެވެ. ދެ މީހަކު އަމިއްލަ އަށް މަރުވެފައި ވަނީ އަލް ހަރާޒަތު އަވަށަށް ދިން ހަމަލާގަ އެވެ.

ސައުދީގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ހަމަލާތައް ދޭން ފަށައިފަ އެވެ.

ސައުދީ އަރަބިއާގެ ދާޚިލީ ވުޒާރާ އިން މީގެ ކުރިން ވެސް ވަނީ އައިއެސް އިން ދޭން އުޅުނު ބައެއް ހަމަލާތައް ނާކާމިޔާބު ކޮށްލައިފަ އެވެ. ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރީގައި މިދިޔަ އަހަރު ވަނީ ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއް ދީފަ އެވެ.