ލިވަޕޫލްގެ "ޗެމްޕިއަންސް ލީގު ހަފްތާ"ގެ ފެށުން ކާމިޔާބެއް ނުވި
ލިވަޕޫލްގެ "ޗެމްޕިއަންސް ލީގު ހަފްތާ"ގެ ފެށުން ކާމިޔާބެއް ނުވި

މެންޗެސްޓާ (އޭޕްރީލް 1) - އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން ރެއާލް މެޑްރިޑް އަތްދަށުވެ ޗެމްޕިއަންސް ލީގުން ކެޓި ލިވަޕޫލް، މިއަދު ހަވީރު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 4-1 އިން ބަލިވެއްޖެ އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް ސިޓީ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކުރި އެވެ. ލިވަޕޫލުން ލީޑު ނެގިތާ 10 މިނިޓު ފަހުން ޖެކް ގްރީލިޝް ދިން ބޯޅައަކުން ސިޓީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ.

ދެ ވަނަ ހާފު ފެށިގެން މިނިޓެއް ނުވެ އުޅެނިކޮށް ސިޓީ އަށް ލީޑު ނަގައިދިނީ ކެވިން ޑީބްރޭނާ އެވެ. މިއީ ރިޔާދު މަހްރޭޒް ހުރަސްކޮށްލި ބޯޅައަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އަދި 53 ވަނަ މިނިޓުގައި ސިޓީގެ ތިން ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އިލްކާއި ގުންޑޮއާން އެވެ.

ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކުރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ފަހު 20 މިނިޓުގައި އެއް ފަހަރާ ހަތަރު ބަދަލު ގެނެސްފަ އެވެ. އެންޑީ ރޮބާޓްސަން އާއި ހާވީ އެލިއޮޓްގެ އިތުރުން ޑިއޯގޯ ޖޮޓާ އާއި ގޯލު ޖަހައިދިން ސަލާހުގެ ބަދަލުގައި އެރުވީ ކޮންސްޓަންޓީނޯސް ސިމިކާސް، އެލެކްސް އޮކްސްލޭޑް ޗެމްބަލޭން، ރޮބާޓޯ ފިރްމީނޯ އަދި ޑާވިން ނޫނޭޒް އެވެ. ނަމަވެސް ކުޅުންތެރިން އެރުވިތާ ހަތަރު މިނިޓު ތެރޭ ޑިބްރޭނާގެ އެހީތެރިކަމާ އެކު ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ގްރީލިޝް އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗަކީ އިންޓަނޭޝަނަލް ބްރޭކަށް ފަހު އަލުން ކްލަބް ފުޓުބޯޅަ ފަށަން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެވުނު ފުރަތަމަ މެޗެވެ. ބްރޭކަށް ފަހު ލިވަޕޫލަށް ފުރަތަމަ ކުޅެން އޮތް ތިން މެޗާ ގުޅޭގޮތުން ކޯޗު ކްލޮޕް ބުނެފައި ވަނީ މިއީ ލިވަޕޫލަށް "ޗެމްޕިއަންސް ލީގު ހަފްތާ" އެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

ލިވަޕޫލަށް ދެން އޮތީ އަންގާރަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު މި މަހުގެ 9 ވާ އާދިއްތަ ދުވަހުގެ ރޭ ނުކުންނާނީ ލީގު އެއް ވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ޗެމްޕިއަންސް ލީގުގައި ރެއާލްގެ އަތްދަށު ވުމުގެ ކުރިން ލީގުގައި ވަނީ ބޯންމަތު އަތުން ވެސް ބަލި ވެފަ އެވެ. ނަމަވެސް އޭގެ ކުރިން އެޓީމުން ވަނީ 7-0 ގެ ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ކްލަބް ފުޓުބޯޅަ މެދުކަނޑާލި އިރު ސިޓީ އެންމެ ފަހުން ކުޅުނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗެވެ. އެ މެޗުގައި އެޓީމުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް އަނިޔާވެފައި ވުމުން، ހާލަންޑަށް ވަނީ ނޯވޭ ގައުމީ ޓީމާ އެކު ކުޅެވޭގޮތް ނުވެފަ އެވެ. އޭނާ އަނިޔާއިން ރަނގަޅު ވަމުން އަންނަ ނަމަވެސް ކޯޗު ޕެޕް ގާޑިއޯލާ މި މެޗަށް ނެގި ސިޓީގެ ޓީމް ލިސްޓުގައި ހާލަންޑް ހިމަނާފައެއް ނުވެ އެވެ.

މި މެޗާ އެކު ސިޓީ ވަނީ އެއް ވަނައިގައި އޮތް އާސެނަލް އާ އެއްވަރަށް 28 މެޗު ހަމަކޮށްފަ އެވެ. މިރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް އާސެނަލް މިވަގުތު އެއް ވަނައިގައި އޮތީ 69 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އަތުން ހޯދި މޮޅާއެކު ދެ ވަނައިގައި އޮތް ސިޓީއަށް ވަނީ 64 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް މިހާތަނަށް ކުޅުނު 27 މެޗުން ހޯދި 42 ޕޮއިންޓާ އެކު މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ހަތް ވަނައިގައި އޮތް ބްރައިޓަން އާއި އަށް ވަނައިގައި އޮތް ބްރެންޓްފޯޑަށް ވެސް ވަނީ ލިވަޕޫލާ އެއްވަރަށް 42 ޕޮއިންޓް ލިބިފަ އެވެ.