01 އެޕްރީލް 2023 - 16:50

ހުޅުމާލޭގައި ލިޓްސް ޖެމްސް ޕްރީ ސްކޫލު މިހާރު ހިންގާ އިމާރާތުގައި ޕްރީ-ސްކޫލު ހިންގާނެ ބަޔަކު ހޯދަން ބިޑް ހުށަހަޅަން އެއް ދުވަހަށް ވެފައި އޮއްވައި ކުއްލިއަކަށް އިއުލާނު ކެންސަލްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ 28 ގައި ކުރި އިއުލާނުގައި ބުނީ ހުޅުމާލެ 1 ގެ ލޮޓް ނަންބަރު 11489 ގައި އިމާރާތް ކޮށްފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 15 އަހަރަށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް މިދިޔަ މަހުގެ 11 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. އެއަށްފަހު، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނުގައި ބުންޏެވެ.
ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބީލަން ރަޖިސްޓްރީކުރި ފަރާތްތަކަށް އޭގެ ކުރީ ދުވަހު، މިދިޔަ ބުދަ ދުވަހުގެ މެންދުރު ފަހު، 3:05 ގައި އެޑިއުކޭޝަނުން ފޮނުވި މެއިލްގައި ބުނީ ލިޓްލް ޖެމްސް ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. ސަބަބެއް ނުބުނެ އެވެ.
ބީލަން ހުށަހެޅުމަށް އިއުލާނުކުރުމަށްފަހު އެ ބާތިލްވެއްޖެނަމަ މިނިސްޓްރީން އާއްމުކޮށް ގެޒެޓުވެސް ކުރާނެ އެވެ. ނަމަވެސް، އެފަދަ އިއުލާނެއް އަދި ނުކުރެ އެވެ.
އެ ޕްރީ ސްކޫލު ހިންގަން 20 ކުންފުންޏަކުން ރަޖިސްޓްރީކުރި އެވެ. އޭގެ ތެރޭގައި، އެ ތަން މިހާރު ވެސް ހިންގާ ލިޓްލް ޖެމްސް އާއި ދޮންދޫނި ސްކޫލާއި އެކްސެލް އިންޓަނޭޝަނަލް ސްކޫލާއި އައިލެންޑާސް އެޑިއުކޭޝަނާއި ކޮލިޓޭޓް އެޑިއުކޭޝަނާއި އިރުސިޔާދު އެޑިއުކޭޝަން އަދި ޝައިން ލާނާސް ހިމެނެ އެވެ.
އެވިޑު ކޮލެޖާއި އަހުމަދިއްޔާ ވެސް އެ އިމާރާތް ހޯދަން ރަޖިސްޓްރީކުރި އެވެ. އެކަމަކު، ރަޖިސްޓްރޭޝަން ފީ ނުދައްކާ ހަތް ކުންފުނީގެ ތެރޭގައި އެ ތަންތަން ވެސް ހިމެނޭތީ އެ ފުރުސަތެއް ނުލިބޭނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ޕްރީ-ސްކޫލު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އެ ތަން ކުއްޔަށް ދިނީ އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރެއްވި ފުއާދު ގާސިމްގެ ކުންފުންޏަށެވެ. ނަމަވެސް، އެތަން ދިން މުއްދަތެއް ސާފެއް ނުވެ އެވެ.
އެ އިމާރާތުގައި ޕްރީ-ސްކޫލް ހިންގަން 15 އަހަރު ދުވަހަށް ކުއްޔަށް ދޭން ހުޅުވާލީ އެ މުއްދަތު ހަމަވާތީ އެވެ.