31 މާޗް 2023 - 20:01

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަ ކޮށްގެން ބާއްވާ 'އިންޓަ އޮފީސް ކޮމްޕެނީ ޗެމްޕިއަންޝިޕް' ވޮލީބޯޅަ މުބާރާތް، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ މުބާރާތް ފަށާނީ އަންނަ މޭ 1 ގައި ހުޅުމާލޭގަ އެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާއި ވޮލީ ކޯޓު ލިބުމުގެ ދަތިތަކާ ހުރެ ފާއިތުވި ހަތަރު އަހަރު ވެސް މުބާރާތް ނުބޭއްވުނެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ އޮފީހެއް ނުވަތަ ކުންފުނީގައި ދާއިމީ ވަޒީފާ އަދާނުކުރާ ދެ ކުޅުންތެރިން، ޓީމް ލިސްޓުގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ. އެ ދެ ކުޅުންތެރިންގެ ތެރޭގައި ބިދޭސީ އެއް ކުޅުންތެރިއަކަށް ޖާގަ ލިބޭނެ ކަމަށް ވީއޭއެމުން ބުންޏެވެ.
ކޮންމެ ޓީމަކުން ވެސް އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1 ގެ ކުރިން ޓީމް ލިސްޓުތައް ހުށަހަޅަން ޖެހެ އެވެ.
އޮފީސްތަކުގެ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސިފައިންނެވެ. އަންހެން ޗެމްޕިއަނަކީ ފުލުހުންނެވެ.
ވީއޭއެމް އިން 1993 ވަނަ އަހަރުން ފެށިގެން ފޯރީގައި ބާއްވަމުން އަންނަ އިންޓަ އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި އެމްޓީސީސީން ވަނީ މިލްކު ކޮށްފަ އެވެ. އެސްޓީއޯ އާއި ޕޮލިހަކީ އަންހެން ޑިވިޝަނުގައި ފާހަގަ ކޮށްލެވޭ ދެ ޓީމެވެ.