31 މާޗް 2023 - 13:52

ތިލަފުށީ އެމްޕީއެލް ސަރަހައްދުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާނުގެ މި ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:45 ގަ އެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށީގައި ހުންނަ ސިފައިންގެ ފަޔަ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ތިލަފުށީގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމު އަންނަ އިރު މިދިޔަ އަހަރު ވަނީ އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގައިފަ އެވެ. އެގޮތުން ކ. ގުޅީފަޅުގައި ހުރި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވެ އެކަކު މަރުވިއިރު، މާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޯވެ 10 މީހުން ވަނީ މަރުވެފަ އެވެ.