31 މާޗް 2023 - 08:02

މިހާރު ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ޖޯން ވިކް؛ ޗެޕްޓަ 4" ކިތަންމެ ކާމިޔާބަސް، އޭގެ ލީޑު ކެރެކްޓާގެ ރޯލު ކުޅޭ ކިއާނޫ ރީވްސް އަށް ހިތްހަމަޖެހުމެއް ނެތެވެ.

މި މަހު 24 ގައި ރިލީޒް ކުރި "ޖޯން ވިކް" ފްރަންޗައިޒްގެ ހަތަރު ވަނަ ފިލްމަށް ފޭނުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފުރަތަމަ ހަފްތާ ބަންދުގައި ވެސް އެޅުވި ޝޯތަކުން 73.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެ ފިލްމަށް ލިބުނެވެ. އެއީ މި ފަހުން އެޅުވި، "ޝަޒާމް 2" އަދި ޑްވޭން "ދަ ރޮކް" ޖޯންސަންގެ "ބްލެކް އޭޑަމް" އަށް ވުރެ ވެސް ކާމިޔާބު އަދަދެކެވެ.

އެކަމަކު، ފިލްމު ޕްރިމިއާ ކުރުމުގެ ދުވަސްކޮޅެއް ކުރިން، ކިއާނޫ އަދި ފިލްމުގައި މަސައްކަތް ކުރި މީހުންނަށް ލިބުނީ ވަރަށް ހިތާމަވެރި ހަބަރެކެވެ. އެއީ، ކިއާނޫއާ އެކު "ޖޯން ވިކް" ގެ ހަތަރު ފިލްމުގައި ވެސް އުޅުނު އެކްޓަރު ލާންސް ރެޑިކް މަރުވި ކަމުގެ ހަބަރެވެ.

ފިލްމުގެ މުހިންމު ރޯލެއް އަދާކުރާ، ދަ ކޮންޓިނެންޓަލް ހޮޓެލްގެ މެނޭޖަރުގެ ރޯލު ކުޅުނު ލާންސް މަރުވީ މި މަހު 17 ވަނަ ދުވަހު އެވެ. އޭރު އޭނާ އުޅުނީ މި ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އުމުރުން 60 އަހަރުގައި ލާންސް މަރުވެފައި އޮއްވައި ފެނުނީ އެމެރިކާގެ ލޮސް އެންޖަލީސްގައި އޭނާ ދިރިއުޅޭ ގޭގަ އެވެ. އޭނާގެ މަރުގައި ޝައްކުކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލާންސް އަކީ ކިއާނޫ ވަރަށް އިހުތިރާމްކުރި ރައްޓެއްސެކެވެ. އަދި އެއީ ކިއާނޫއާ ދިމާވި އެންމެ ރަނގަޅު އެކަކުގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.
ލޯސް އެންްޖެލީސްގައި "ޖޯން ވިކް؛ ޗެޕްޓަ 4" ޕްރިމިއާ ކުރި ރޭ، ކިއާނޫ އާއި އޭނާގެ ކޯ-ސްޓާރުން ވަނީ އެ ފިލްމު ލާންސަށް ހާއްސަކޮށްފަ އެވެ.
ލާންސަކީ 2002 ވަނަ އަހަރު ނިކުތް "ދަ ވަޔާ" ސީރީޒްގައި ލީޑު ރޯލުން ފެނުނު އެކްޓަރެކެވެ. އޭނާ މަރުވި އިރު، 12 އަހަރުވީ ކައިވެންޏަށް ދެ ދަރިންވެސް ތިބެ އެވެ.