30 މާޗް 2023 - 13:18

ޒިއުރިކް (މާޗު 30) - މި އަހަރުގެ މެއި މަހު އިންޑޮނޭޝިއާ ގައި ބާއްވާގޮތަށް ހަމަޖެހުނު 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ގައި އިސްރާއީލް ހިމެނޭތީވެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމާ ގުޅިގެން، ފީފާ އިން އިންޑޮނޭޝިއާ އަށް ފިޔަވަޅު އަޅައިފި އެވެ.
އެގޮތުން މެއި 30 އިން ޖޫން 11 އަށް އިންޑޮނޭޝިއާގެ ބާލީ ގައި ބާއްވަން ހަމަޖެހުނު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް، މިހާރު އިންޑޮނޭޝިއާގައި ނުބާއްވަން ފީފާ އިން ވަނީ ނިންމައިފަ އެވެ. މިއާ ގުޅިގެން މި އަހަރުގެ މުބާރާތުގައި ވެސް އިންޑޮނޭޝިއާ ނުފެންނާނެ އެވެ.
"މުބާރާތް ބާއްވާނެ އާ ގައުމެއް ވީ އެންމެ އަވަހަށް އިއުލާން ކުރެވޭނެ. މުބާރާތް ބާއްވާ ތާރީހަށް އަދި އެއްވެސް ބަދަލެއް ނާދޭ،" ފީފާ އިން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.
އިންޑޮނޭޝިއާގައި ބާއްވާ މުބާރާތުގައި އިޒްރޭލް ބައިވެރި ނުކުރާން ވެގެން އިންޑޮނޭޝިއާ އިން ވަނީ މިދިޔަ އާދިއްތަ ދުވަހު ބާއްވަން އޮތް މުބާރާތުގެ ގުރުއަތު ނެގުން ވެސް ކެންސަލް ކޮށްފަ އެވެ.
އިންޑޮނޭޝިއާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމެވެ. އެ ގައުމުން އިޒްރޭލާ އެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތެވެ.
އިންޑޮނޭޝިއާ އަކީ ފަލަސްތީނަށް ތާއީދުކުރާ ގައުމެކެވެ. އެގައުމުގެ ވެރިރަށް ޖަކާޓާ ގައި އާއްމު ރައްޔިތުން ވެސް ވަނީ އެ ގައުމުގައި ބާއްވާ މުބާރާތުގައި އިޒްރޭލު ބައިވެރި ނުކުރަން ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.