ޖޭޕީ ދޫކޮށް، ވަލީދާގެ ތާއީދު ރައީސަށް
ޖޭޕީ ދޫކޮށް، ވަލީދާގެ ތާއީދު ރައީސަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވި ވަލީދާ ވަލީދު އެ ޕާޓީން ވެކިވެވަޑައިގެން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފި އެވެ.

ވަލީދާ އަކީ 2011ވަނަ އަހަރުން ފެށިގެން ޖޭޕީގެ މެމްބަރެކެވެ. އޭނާ ޕާޓީން ވަކިވެވަޑައިގަތީ އަންނަ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމެވުމާ ގުޅިގެންނެވެ.

ވަލީދާ ވިދާޅުވީ ރައީސް ދެވަނަ ދައުރަކަށް ހޮވުމަށް ސަރުކާރާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އޭނާ ވަނީ ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސްކަން ދެ ދައުރު ފުރުއްވައިފަ އެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީން ރައީސާއެކު ކޯލިޝަން ނުހަދާ ވަކިން ވާދަކުރަން ނިންމުމާއެކު އެ ޕާޓީގެ ބައެެއް އިސް މެމްބަރުން ވެސް ވަނީ ޕާޓީ ދޫކުރައްވައިފަ އެވެ.

އެގޮތުން ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ޖޭޕީ ދޫކުރައްވައި ރައީސަށް ތާއީދުކުރައްވަން ނިންމަވައިފަ އެވެ.