30 މާޗް 2023 - 10:05

ސަރުކާރުގެ ބައެއް އޮފީސްތައް މިހާރު ވެސް ހިންގާ ޣާޒީ ބިލްޑިންގް ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރުވުމުން އެ އިމާރާތް ތަޅާލަން ސަރުކާރުން ނިންމައިފި އެވެ.
އަމީރު އަހުމަދު މަގުން ޑިފެންސް މިނިސްޓްރީ ކުރިމަތީގައި ހިންގާ ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ އޮފީސް އިމާރާތް އަންނަ ޖޫން 20 ގެ ނިޔަލަށް ތަޅާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުންޏެވެ.
"މިހާރު އެ ދަނީ އެ އިމާރާތުގައި ހުރި ތަންތަން ހުސްކުރަމުން. އެއީ މިހާރު ބޮލަށް ވެއްޓެން ކައިރި ވެފައި ހުރި ތަނެއް،" ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޣާޒީ ބިލްޑިންގް ބޭނުންކުރުމަކީ މިހާރު ރައްކާތެރިކަމެއް ނޫނެވެ.
ޣާޒީ ބިލްޑިންގްގައި މިހާރު ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އޮޑިޓަ ޖެނެރަލްގެ އޮފީހެވެ.
އަކްރަމް ވިދާޅުވީ، ޣާޒީ ބިލްޑިންގް ހުރި ތަނުގައި ހަދަން ސަރުކާރުން ނިންމާފައި ވަނީ ޕާކިން ޒޯނެއް ކަމަށެވެ. އޭގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޣާޒީ ބިލްޑިންގް ހުރި ސަރަހައްދުގައި ސަރުކާރުގެ އޮފީސްތައް ހިންގަން ބޭނުންކުރި ހުރަވީ ބިލްޑިންގް ވެސް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ދާދި ފަހުން ވަނީ ތަޅާލައިފަ އެވެ. އަމީރު އަހުމަދު މަގުން ރައީސް އޮފީސް ކުރިމަތީގައި ހުރަވީ ބިލްޑިންގް ހުރި ތަނުގައި މިހާރު ހަދާފައި ވަނީ ވެހިކަލް ޕާކިންއަކާއެކު ހަދާފައިވާ ޕާކިން ޒޯނެކެވެ.
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަނީ ވެލާނާގެ ބިލްޑިންގްގައި ކަމަށް ވާއިރު ހުޅުމާލޭގައި ހެދި އާ އިމާރާތް މިދިޔަ މަހުގެ 15 އިގައި ވަނީ ހުޅުވައިފަ އެވެ. ހަ ބުރި އަށް ހަދާފައިވާ އެ އިމާރާތުގައި މިހާރު ތިން އޮފީހެއް ހިންގަ އެވެ. އެއީ ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ.